މަރަޑޯނާގެ މަރުގައި އިހުމާލެއް ވޭތޯ ތަހުގީގު ކުރަނީ

ފުޓުބޯޅަ ލެޖެންޑް މަރަޑޯނާ މަރުވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަޕޯޓަރުން ހިތާމަފާޅުކުރަނީ -- ފޮޓޯ/ އޭޕީ

މިދިޔަ ހަފުތާގައި ކުއްލި ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން މަރުވި އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މަރުގައި ޑޮކްޓަރުންގެ އިހުމާލެއް ވޭތޯ ބެލުމަށް ތަހުގީގު ކުރަން ފަށައިފި އެވެ.

ޑްރަގާއި، ރަލުގެ ވަބާގައި ޖެހި ފުޓުބޯޅަ ކެރިއަރާއި، އަމިއްލަ ދިރިއުޅުން ވެސް ހީކުރި ވަރަށް ވުރެން ކުރުކޮށްލަން ޖެހުނު މަރަޑޯނާ މަރުވުމުގައި ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުގެ އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފައިވާއިރު، މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަރަޑޯނާ މަރުވި ދުވަހު އެމްބިއުލަންސްއަށް ގުޅައިގެން އެ އައުން ލަސްވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލަތަކާ ގުޅިގެން އާޖެންޓީނާގެ ބުއެނޮސް އެއަރެސްގެ 50 ފުލުހުންގެ ޓީމެއް ގޮސް މަރަޑޯނާގެ ޕާސޮނަލް ފިޒިޝިއަން ޑރ.ލޫކްގެ ކްލިނިކްއާއި، އޭނާ ދިރިއުޅެމުން އަންނަ ގެ ވަނީ ރެއިޑް ކޮށްފަ އެވެ. މަރަޑޯނާގެ މަރާ އެކު މުޅި ދުނިޔެ ހިތާމަކުރަމުންދާ މި ދަނޑިވަޅުގައި ފެންމަތިވަމުންދާ މި މައްސަލަތަކާ އެކު އާޖެންޓީނާގައި ތިބި އޭނާގެ ބައެއް ސަޕޯޓަރުން ވެސް އަންނަނީ މި ތަހުގީގު ފުރިހަމައަށް ކުރިއަށް ގެންދިއުމަށާއި، މިކަމުގައި އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ގޮވާލަމުންނެވެ.

އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުން އުމުރުން 60 އަހަރުގެ މަރަޑޯނާ ނިދީގައި މަރުވީ ހިތާއި ފުއްޕާމޭ ފެއިލްވެގެންނެވެ. ޕްރޮސެކިއުޓަރުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން މަރަޑޯނާގެ އިތުރު ޓެސްޓްތަކެއް ހަދަން ވެސް ޖެހިފަ އެވެ. އެއީ މަރަޑޯނާގެ ކަންތައްތައް ބެލުމަށް ހުރި ނަރުހަށް އޭނާ މަރުވި ސީދާ ގަޑިއެއް ބުންނަން ނޭނގޭތީ އެވެ.

އެހެންކަމުން ހުރިހާ ލިޔެކިއުމެއްގައި ސޮއިކުރަން މަރަޑޯނާގެ އާއިލާއިން ބޭނުން ނުވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު މަރަޑޯނާގެ ވަކީލި ހުށަހެޅި މައްސަލަތައް އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

މީގެ އިތުރުން ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު ދެ ހަފުތާއެއްހާ ދުވަސް ފަހުން ގެއަށް ބަދަލުކުރި މީހެއްގެ ސިއްހީ ކަންތައްތައް ބެލުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް މަރަޑޯނާގެ އާއިލާއިން ވަނީ ތުހުއްމަތެއް ކޮށްފަ އެވެ. ހޮސްޕިޓަލުން ލިބެން ޖެހޭ ބައެއް ފަރުވާތައް ގޭގައި ނުލިބޭކަން ފާހަގަކޮށް އާއިލާއިން ކުރި ތުހުމަތުތައް ރައްދުވާ ޑރ. ލޫކް ބުނީ، މަރަޑޯނާ ސަލާމަތް ކުރުމަށް އޭނާ މުޅި ޖާނު ގުރުބާން ކުރަން ވެސް ތައްޔާރަށް ހުރި ކަމަށެވެ.

"އަހަރެން ބޭނުންވީ މަރަޑޯނާއަށް ދިރިއުޅުމެއް ހޯދައިދީ އޭނާގެ ހާލު ރަނގަޅު ކުރަން. އެކަމަށް އަހަރެން އަބަދުވެސް މަސައްކަތް ކުރީ. އޭގެ ބަދަލުގައި އަހަރެންގެ ބޮލުގައި އެޅުނީ ތުހުއްމަތެއް،" އާޖެންޓީނާގެ ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ކަރުނައާ އެކު ލޫކް ބުނެފައިވެ އެވެ.

އާޖެންޓީނާގެ ރިޕޯޓްތައް ބުނާގޮތުން ޑރ.ލޫކްއާ އެކު މަރަޑޯނާގެ އެންމެ ފަހު ދުވަސްތައް ހޭދަކުރި ގިނަ ބައެއްގެ ފޯނާއި، ކޮމްޕިއުޓަރުތައް އަދި ކޯލް ލޮގްތައް ވެސް ފުލުހުން ވަނީ ތަހުގީގަށް ނަގައި، ބަލަން ފަށައިފަ އެވެ.

ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ޕާޓީ ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަވެ، މަރަޑޯނާގެ ކެރިއަރު ވަނީ ހީކުރި ވަރަށްވުރެ އަވަހަށް ނިމިފައެވެ. އެހެން ނަމަވެސް އޭނާ ވަނީ އޭގެ ފަހުން ކޯޗެއްގެ ގޮތުގައި ގިނަ މަސައްކަތަކެއް ކޮށްފައެވެ. 2010 ވަނަ އަހަރު އާޖެންޓީނާގެ ކޯޗު ކަމުގައި ވޯލްޑް ކަޕަށްވެސް ދިޔަ މަރަޑޯނާ އެންމެފަހުން މަސައްކަތް ކޮށްފައިވަނީ އާޖެންޓީނާގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ގިމްނާސިއާ ވައި އެސްގްރީމާގެ ކޯޗަކަށެވެ.

އުމުރުން 16 އަހަރުގައި މަރަޑޯނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ އާޖެންޓީނާގެ ޖޫނިއާ ޓީމުތަކުންނެވެ. މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަރަޑޯނާ މަޝްހޫރުވެފައިވާ އިރު، އޭނާ ވަނީ ބޮކަ ޖޫނިއާސްގައި ވިދާލާ ޔޫރަޕްގެ ގަދަ ބާރުތައް ކަމަށްވާ ބާސެލޯނާއާއި ނަޕޯލީގެ އިތުރުން ސެވިއްޔާގައި ލެގަސީއެއް ދަމަހައްޓައިފައެވެ.

comment ކޮމެންޓް