އޮކްސްފޯޑު ވެކްސިންގެ އިތުރު ޓެސްޓުތަކެއް ހަދަނީ

އަސްޓްރާޒެނެކާއިން ބުނި ގޮތުގައި އޮކްސްފޯޑާ ގުޅިގެން އުފެއްދި ވެކްސިންގެ އާ ޓެސްޓުތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ -- ފޮޓޯ: ގެޓީ

ލަންޑަން (ނޮވެމްބަރު 28): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިންގެ އިތުރު ޓެސްޓުތަކެއް ހަދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަސްޓްރާޒެނެކާއިން އެފަދައިން ބުނީ، އޮކްސްފޯޑް ވެކްސިން ދިނުމުން އެވަރެޖުކޮށް 70 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރި ކުރެވޭ ކަމަށް އެ ވެކްސިންގެ ފަހު މަރުހަލާގެ ޓެސްޓުތަކުން ދައްކާފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު އިއުލާން ކުރި ފަހުންނެވެ. އެއީ އެ ޓެސްޓުތަކުގައި ތަފާތު ދެ ގޮތަކަށް ޑޯޒްތައް ދިނުމަށް ފަހުގަ އެވެ.

އެގޮތުން ޓެސްޓުގެ ބައިވެރިންނަށް ދެ "ފުލް" ޑޯޒް ދިނުމުން 62 ޕަސެންޓު މީހުން ބަލިން ރައްކާތެރިވި އިރު، ދެބައިކުޅަ އެއްބައި ޑޯޒް ފުރަތަމަ ދިނުމަށް ފަހު ދެން ފުލް ޑޯޒްއެއް ދިނުމުން ރައްކާތެރިކަން 90 ޕަސެންޓަށް އަރަ އެވެ. އޭގެ ތެރެއިން ދެވަނަ ގޮތަށް ޑޯޒްތައް ދެވުނީ ފުރަތަމަ އޮޅުމަކުން ކަމަށާއި ނަމަވެސް ފަހުން އެ ޓެސްޓުތައް ކުރިއަށްގެންދަން ނިންމީ ކަމަށް ސައިންސްވެރިން ބުންޏެވެ.

އެ ދެވަނަ ގޮތަށް ޑޯޒްތައް ދިނީ 3،000އަށް ވުރެ މަދު މީހުންނަށެވެ. އަދި އެ ގުރޫޕުގައި 55 އަހަރުން މަތީގެ މީހުން ނުހިމެނެ އެވެ.

އެހެންކަމުން އަސްޓްރާޒެނެކާއާއި އޮކްސްފޯޑުން ނިންމާފައި ވަނީ ދެވަނަ ގޮތަށް ޑޯޒްތައް ދީގެން އިތުރު ޓެސްޓުތައް ކުރުމަށެވެ. ނަމަވެސް އެ ވެކްސިންއަށް ވީހާވެސް އަވަހަކަށް ވަގުތީ ހުއްދައެއް ހޯދުމަށް ކުރާ މަސައްކަތަށް އޭގެ ސަބަބުން ހުރަހެއް ނޭޅޭނެ ކަމަށް އަސްޓްރާޒެނެކާއިން ބުންޏެވެ.

އިނގިރޭސިވިލާތުގައި ވެކްސިން ބޭނުން ކުރަން ހުއްދަދޭ އިދާރާ ކަމަށްވާ މެޑިސިންސް އެންޑް ހެލްތުކެޔާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރު)ގައި އެގައުމުގެ ސަރުކާރުން އިއްޔެ ވަނީ އޮކްސްފޯޑުގެ ވެކްސިން އެ އިދާރާގެ ހަމަތަކަށް ފެތޭތޯ ބެލުމާ ބެހޭ މަރުހަލާތައް ފެށުމަށް އެދިފަ އެވެ.

އިނގިރޭސިވިލާތުން ވަނީ އޮކްސްފޯޑް ވެކްސިންގެ 100 މިލިއަން ޑޯޒްއަށް އޯޑަރު ކޮށްފަ އެވެ. އަދި އެގައުމުުން ވަނީ އެމެރިކާގެ ފައިޒާއާއި ބަޔޯއެންޓެކްއިން އުފައްދާ ކޮވިޑް ވެކްސިންގެ 40 މިލިއަން ޑޯޒްއަށްވެސް އޯޑަރުކޮށްފަ އެވެ. ފައިޒާގެ ވެކްސިން 95 ޕަސެންޓު ކާމިޔާބު ކަމަށް ބުނެ، އެ ކުންފުނިން ވަނީ އެ ވެކްސިން އެމެރިކާގައި ބޭނުން ކުރުމަށް ވަގުތީ ހުއްދައަކަށް އެދިފަ އެވެ.

comment ކޮމެންޓް