ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކުލަވާލާފައިވާ ހައުންސިންގ ކޮންސެޕްޓެއްކަމުގައިވާ "ކޯ ލިވިންގ" ނުވަތަ "ޝެއާރިންގ އެކޮމަޑޭޝަން" ކޮންސެޕްޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
"ކޯ ލިވިން" ކޮންސެޕްޓުގެ މައިގަނޑު ބޭނުމަކީ ވަޒީފާ އަދާކުރުމަށް މާލެ ސަރަޙައްދުގައި ދިރިއުޅޭ މެދުފަންތީގެ އާމްދަނީއެއް ލިބޭ މީހުންނާއި މަތީ ތައުލީމަށް ކިޔެވުންފަދަ ވަގުތީ ބޭނުންތަކުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާކުދިންނަށް ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން ތިބެންޖެހޭ ތިބުމަށް ލުޔެއް ހޯދައިދިނުމެވެ.
އެގޮތުން މިހާރު މިފަދަ ފަރާތްތަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖެހުމަށް މީގެ ސަބަބުން ވަރަށްބޮޑު ލުޔެއްލިބި، ކުރަންޖެހޭ ހަރަދުތައް ކުޑަވެގެންދާނެއެވެ.
ކުލި ދައްކާގޮތަށް ދޫކުރާ މި ތަންތަނުގައި އެކަކު އެކަނި އެކޮމަޑޭޝަން، ދެމީހަކު ހިއްސާވާ އެކޮމަޑޭޝަން އަދި ދެ މީހުންނަށްވުރެ ގިނަ މީހުން ހިއްސާވާ އެކޮމަޑޭޝަން މި ކޮންސެޕްޓުގެ ދަށުން ހިމެނެއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކޮންސެޕްޓު ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެޗްޑީސީން "ކޯ ލިވިންގ" ހައުސިން ކޮންސެޕްޓު ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. އެ ކޮންސެޕްޓަށް ކަނޑައަޅާފައި ވަނީ ހުޅުމާލެ ލޮޓް N4-42 އިން 16،934.0 ސްކެއާ ފޫޓުގެ ސަރަހައްދެކެވެ.
އެޗްޑީސީން ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00 ކަމަށެވެ. އަދި ޕްރީ-ޕްރޮޕޯސަލް ބައްދަލުވުމުގގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު ހަތް ވަނަ ދުވަހުގެ 14:00 ކަމަށް ވެސް އިއުލާނުގައިވެއެވެ. ޕްރީ-ޕްރޮޕޯސަލް ބައްދަލުވުން އޮންނާނީ ޑިސެމްބަރު ނުވަ ވަނަ ދުވަހުއެވެ.
ޕްރޮޕޯސަލް ހުށަހެޅުމާ ގުޅޭ ތަފްސީލުތައް އެޗްޑީސީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.