ޑރ. އިބްރާހީމް އުމަރު މަނިކުގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ރާއްޖޭގެ ޓޫރިޒަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރުމަނިކު އަވަހާރަވުމާ ގުޅިގެން، އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ޑރ. އިބްރާހީމް އުމަރު މަނިކުގެ ބޭބެ މުހައްމަދު އުމަރު މަނިކަށް ރައީސް ފޯނުން ގުޅުއްވައި، އެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ.

އަދި ޑރ. އިބްރާހީމް އުމަރު މަނިކަކީ، ސެންޓްރަލް ހޮސްޕިޓަލަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި، ހަމައެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

ޑރ. އިބްރާހީމް އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު އުމުރަކީ 68 އަހަރެވެ.

ޑރ. އިބްރާހިމް އުމަރު މަނިކަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއާ ހައުސް އޮފިސަރ އިން އެނިސްތީޒިއާކަން ދެއްވީ 16 އޮކްޓޫބަރު 1982 ގައެވެ. ހޮސްޕިޓަލްގެ ވަޒީފާއިން 21 އޭޕްރިލް 1988 ގައި ވަކިވެވަޑައިގެންނެވިރު ހުންނެވީ ސީނިއާ ރަޖިސްޓްރާރ އިން އެނިސްތީޒިއޮލޮޖީގެ މަގާމުގައެވެ.

ޑރ. އިބްރާހިމް އުމަރުމަނިކަކީ، ޔުނިވާސަލް އެންޓަޕްރައިޒަސް ލިމިޓެޑުގެ އެއް ޑައިރެކްޓަރުވެސް މެއެވެ. އަދި މާލޭ އެރޭޓޭޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދެވީވެސް އިބްރާހީމް އުމަރު މަނިކެވެ. ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެންނެވުމުގައިވެސް ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

އިގްތިސޯދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1998 ވަނަ އަހަރު އެ ކުންފުންޏަށްވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން ވަނީ ދީފައެވެ. އެ ކުންފުނީގެ މަސައްކަތް ފުރަތަމަ ފެށުނީ 1983 ވަނަ އަހަރުއެވެ.

comment ކޮމެންޓް