އައްޑޫގައި އަމާންހިޔާ އަޅަން ބިން ހަމަޖެހި މަސައްކަތް ފަށައިފި

އަމާން ހިޔާ އަދި ދުވަސްވީ މީހުންގެ މަރުކަޒު އަޅާނެ ބިން ބެލުމަށް ޖެންޑާގެ ޓީމު އައްޑޫ ސިޓީގައި -- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނާއި ކުޑަކުދިން އަދި އާއިލާތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އައްޑޫ ސިޓީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އަމާންހިޔާގެ އިމާރާތާއި އުމުރުން ދުވަސްވީ މީހުންގެ މަރުކަޒު ގާއިމުކުރާނެ ބިން ހަމަޖެހިއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ އިމާރާތްތައް އެޅުމަށް ހަޖެހިފައިވާ ބިން ބެލުމަށް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާއިޝަތު ރަޝީދު، ފަޒްނާ ޝާކިރު އަދި މިނިސްޓްރީގެ ޓީމު އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސޭޕް ހޯމް ނުވަތަ އަމާންހިޔާއަކީ ގެވެށި އަނިޔާއާއި އެކިބާވަތުގެ އަނިޔާއާއި އިހުމާލުގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާއި ކުދިންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކުރެވިފައިވާ ތަންތަނެވެ.

އަމާންހިޔާތަކުގެ މައިގަނޑު މަގުސަދަކީ އެތަންތަނަށް ނެގޭ އަންހެނުންނާއި ކުދިންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ، އާންމު ހާލަތައް ރުޖޫއަވުމައްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަގުފަހިކޮށްދިނުމާއި، އަމާންހިޔާއަށް ނެގޭ އަންހެނުންނާއި ކުދިންގެ ތެރެއިން ސައިކޯސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމެވެ.

މިގޮތުން މިވަގުތު ހަތަރު އަތޮޅެއްގައި ސޭފް ހޯމްތައް ވަނީ ގާއިމްކުރެވިފައެވެ. އެއީ ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ށ. ފުނަދޫ އަދި ސ. ހިތަދޫ ގައެވެ. ސޭފް ހޯމްތަކަކީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ މަރުކަޒުތަކެވެ.

comment ކޮމެންޓް