ނޮވެމްބަރު 30 ން ފެށިގެން ޑޭ ކެއާތައް ހިންގަން ހުއްދަ ދީފި

ކަޑްލް ކެއާ ގައި ކުދިން ތިބޭ ސަރަހައްދެއް -- ފޮޓޯ: ކަޑްލް ކެއާ

މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޑޭކެއާ ސެންޓަރުތައް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ދީފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ޑޭކެއާ ސެންޓަރުތަކުގެ ހިދުމަތް ވަނީ މެދުކަނޑާލައިފައެވެ. ނަމަވެސް އަލުން ސެންޓަރުތައް ހުޅުވަން ހުއްދަ ދިނުމަށް ނިންމައި، ޑޭކެއާތަކާ ގުޅޭ އެސްއޯޕީ ވަނީ އާންމުކޮށްފައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ޑޭކެއާތައް ހިންގުމުގެ ހުއްދަ ދިން ނަމަވެސް ހިދުމަތްދޭ ތަންތަން އެޗްޕީއޭ އާއި މިނިސްޓްރީ ގުޅިގެން އިންސްޕެކްްޓްކޮށް ބަލަހައްޓާނެ ކަމަށެވެ.

އެސްއޯޕީގައި ބުނެފައި ވަނީ ޑޭކެއާ ސެންޓަރުގެ ހިދުމަތްދޭ އިމާރާތަށް ވަންނަ ދޮރު، ސިޑި އަދި ލިފްޓު ހުންނަ އިމާރާތެއްނަމަ ލިފްޓު ސާފުކޮށް ކޮންމެ ޝިފްޓެއް ފެށުމުގެ ކުރިން ތަން ޑިސްއިންފެކްޓް ކުރުމާއެކު ދޮރުކައިރީގައި އަތް ސެނިޓައިޒްކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެ ކަމަށެވެ.

އަދި މޭޒު، ގޮނޑި ދޮރުގެ ތަޅު ފަދަ ގިނައިން އަތްލާ ތަންތަނާއި ފާހާނާ އަދި އެނޫންވެސް ހިފާ ގެންގުޅޭ ތަކެތި ކޮންމެ ދެ ގަޑިއިރަކުން ސާފުކޮށް ބަލަހައްޓަން ޖެހޭނެއެވެ.

ކުދިން ކުޅޭ ސާމާނު، ކޮންމެ ގްރޫޕަކުން ބޭނުންކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް ދޮވެ ހިއްކަންވާނެ ކަމަށާއި އަދި ސޮފްޓް ޓޯއީސް ބޭނުންކޮށްގެންނުވާނެ ކަމަށް އުސޫލުގައިވެއެވެ.

އެސްއޯޕީގައި ބުނެފައި ވަނީ ކޮންމެ ގްރޫޕެއްގައި ގިނަވެގެން ތިބެންވާނީ ތިނެއް ނުވަތަ ހަތަރު ކުދިން ކަމަށެވެ. އަދި ކޮންމެ ގްރޫޕަކަށް އެއް ޗައިލްޑް ކެއާ އެޓެންޑަންޓް ނުވަތަ އެހީތެރިޔަކު ކަނޑައަޅަންވާނެ ކަމަށެވެ.

ހަމައެއާއެކު ކުދިން ބަލަހައްޓާ ފަރާތްތައް އަންނަން ވަކި ގަޑިތަކެއް ނުވަތަ ޑިއުޓީ ގަޑިތަކެއް ކަނޑައަޅާފައި ބެހެއްޓުމާއި ކުދިން ބަލަހައްޓާ
ފަރާތްތައް އެއްފަރާތް އަނެއް ފަރާތަށް ބައްދަލުނުވާ ގޮތަށް ޑިއުޓީ ގަޑިތައް ހަމަޖައްސަން ޖެހޭނެއެވެ.

ކުދިން ބަލަހައްޓާ މުވައްޒަފުން ހުރިހާ ވަގުތެއްގައިވެސް އަޅަންވާނީ ސާޖިކަލް މާސްކްއެވެ. އަދި އެހެން މުވައްޒަފުންނަށް ފޮތި މާސްކް އެޅިދާނެ ކަމަށް އެސްއޯޕީގައި ބުނެއެވެ.

ކުދިން ޑޭކެއާ ސެންޓަރަށް އައުމުން އެކުދިންގެ ހުން ހުރި މިންވަރާއި ކޮވިޑްގެ އެހެން އަލާމާތްތައް ހުރިތޯ ބަލައި މައުލޫމާތު ރިކޯޑުކޮށް އަދާހަމަކޮށް ބަލަހައްޓަން ޖެހޭނެއެވެ.

އަލުން ހިދުމަތް ފެށުމުގެ ހުއްދަ ދޭނީ އެސްއޯޕީއާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ކަމެއް ހުރިހަމަކޮށްފައިވާ ޑެކެއާ ސެންޓަރުތަކަށެވެ.

comment ކޮމެންޓް