ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމުކުރުމަން މަޝްވަރާކޮށްފި

ރާއްޖޭގައި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމުކުރުމާ ބެހޭ ގޮތުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ މިއަދު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ދެބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާއި މުސްލިމް ވޯލްޑް ލީގާއި ދެމެދު ފާއިތުވި އަހަރުތަކުގައި އޮތް ގާތް ބަދަހި ގުޅުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ސެކްރެޓަރީ ޖެނެރަލް ވާހަކަ ދެއްކެވި ކަމަށެވެ.

އަދި ރާއްޖޭގެ ވެރިރަށް މާލޭގައި ކުރިއަށްދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލާއި ހިއްސާކުރައްވައި، ދެ ޙަރަމްގެ ޚާދިމް، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ދީލަތި އެހީފުޅާއެކު ކުރިއަށްދާ އެ މަސައްކަތް ނިމުމުން އެ މިސްކިތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތްތަށް ކަމަށާއި އަދި އެ މިސްކިތް ވެގެންދާނީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކަށް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގައި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އިސްލާމް ދީނުގެ ދައުވަތު ފުޅާކޮށް، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން އައިސްފައިވާ އިސްލާމްދީނުގެ ހަމަތައް އުނގަންނައިދިނުމަށް މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މިންނެތް ބުރަ މަސައްކަތް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް