ރައީސް ޔާމީންއިންނެވި ލޯންޗް ކައިރިއަށް އެއްވި ދެ އަންހަނަކަަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެނީ

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީން އިންނެވި ލޯންޗް ކައިރިއަށް އެއްވި ދެ އަންހެނަކަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ރައީސް ޔާމީން މިއަދު މާލެ ވަޑައިގެންނެވީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަަލައެއްގެ ޝަރީއަތުގެ އަޑު އެހުމަކަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔަމީންގެ ޝަރީއަތުގެ އަޑުއެހުން ނިމުމުން ފުރާ ވަޑައިގަންނަވަން ލޯންޗުކޮޅު ކައިރިއަށް އެއްވި ދެ އަންހެން ބޭފުޅަކަށް ފުލުހުން އަނިޔާ ކުރި ކަަމަށެވެ.

އެގޮތުން ދެ އަންހެނެއްގެ އަތާއި ތުންފަތަށް އެކި ގެއްލުންތައް ލިބިފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި އެ މީހުންނަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ހީނާ ވިދާޅުވި އެވެ.

އެތަނަަށް އެއްވި އެއް އަންހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.

ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ލޯންޑާ ކުރި މައްސަލައިގައި ކުރި ދައުވާ ސާބިތުވެ އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުގެ ޝަރީއަތްތައް ހައި ކޯޓުގައި ދަނީ ކުރިއަށެވެ. މިހާރު އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އަދި ދެން އޮތީ މައްސަލައިގެ ހުކުމް އިއްވުމެވެ.

comment ކޮމެންޓް