ކޮންމެ މެންބަރަކު ވެސް ބޭނުމީ ދާއިރާއަށް އެއާޕޯޓް!

ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުސެއް ހިނގައިފި އެވެ.

މި ބިލަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ އެ މެންބަރުންގެ ދާއިރަގައި ބައިނަލްއަގުވާމީ އެއާޕޯޓު އެޅުމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ބިލަށް ބަހުސް ކުރައްވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓޫރިޒަމް ކުރިއެރުވުމަށް ދަތުުރުފަތުރުގެ ރަނގަޅު ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ.

ލ. އަތޮޅަކީ ބައިނަލްއަގުވާމީ އެއާޕޯޓެއް ނެތް އަތޮޅެއް ކަމަށާއި އައްޑޫ އެއާޕޯޓާއި ލ އަތޮޅާ ދުރު ކަމަށް މެންބަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި އޮންނަނީ ޑޮމެސްޓިކް އެއާޕޯޓެއް، އެއާޕޯޓަކީވެސް އިއްޒަތްތެރި ރައިސް މިލިޓަރީ އެއާޕޯޓެއް. މިލިޓަރީ އެއާޕޯޓެއް ވީމާ ޓޫރިސްޓުން ގެންނަން ދަތިތަކެއް ހުންނާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ. މުސްތަގުބަލުގައި އެއަށް ހައްލެއް ލިބުމަކީ އަޅުގަނޑުވެސް އެދޭކަމެއް. އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކުރެވިގެން ނޫން ގޮތަކަށް ގެސްޓުން ގެނައުމަކީ އުނދަގޫ ކަމަކަށް ވާނެ،" މެންބަރު ސިރާޖު ވިދާޅުވި އެވެ.

ލ. އަތޮޅުގައި އެކަށީގެންވާ ވަރަކަށް ޓޫރިސްޓު އެނދު ނެތް ކަންވެސް މެންބަރު ފާހަގަ ކުރެއްވި އެވެ. މެންބަރު ސިރާޖު ވަނީ ހުވަދު އަތޮޅުގެ ކެޓަގަރީގައި ލ އަތޮޅު ހިމަނާފައި އޮތް އޮތުން ބަދަލު ކުރުމަށް ފެންނަ ކަމަށެވެ.

ޓޫރިޒަމް ބިލަށް ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ށ. ތ، ލ، ގއ. އަދި ގދ އަތޮޅު ހިމެނޭ ކެޓަގަރީގައި ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް ދައްކަން ޖެހެނީ އަހަރު ހަ ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އެންމެ ބޮޑުވެގެން ނަގާނީ އަހަރަކުު 1.3 މިލިއަން ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު ނަގާނީ 1.5 މިލިއަން ޑޮލަރުގެ ކުއްޔެކެވެ.

ސިރާޖުގެ ވާހަކަ ނިންމަވާލެއްވުމުން، އިތުުރު މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން، ކޮމެޓީގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މިވާހަކަ ދައްކަން އެންމެ އެކަށީގެންވާ މަގާމުގައި އިންނެވި ބޭފުޅާކަމަށް ނުވެދާނެ ކަމަށާއި ނަމަވެސް ދުނިޔޭގައި އެއާޕޯޓެއް ދެކޮޅުޖެހެނީ އެ އެއާޕޯޓަކަށް ވަކި އަދަދަކަށް މީހުން ގޮސްގެން ކަމަށެވެ.

ބައިނަލްއަގުވާމީ އެއާޕޯޓައި ބަނދަރު އަޅާނެ ތަންތަން ނިންމާނީ ގައުމީ ވިސްނުމަކުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކޮންމެ ރަށަކީ ގައުމެއް ނޫން. ކޮންމެ އަތޮޅަކީވެސް ގައުމެއް ނޫން. އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ، ރާއްޖޭގެ އެއާޕޯޓަށް މި އަންނަނީ އެއް މިލިއަން ދެ މިލިއަން މީހުން. އެއީ މާލޭގެ އެއާޕޯޓަށް. އެވަރުންވެސް އެތަން ދެކޮޅުޖެހިގެން އެތަން ތަރައްގީކޮށްގެން މުޅި ދިވެހިރާއްޖެއަށް މިއުޅެނީ އެކަން ނުވެގެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެއާޕޯޓާއެކު ދަރަނިތަކެއް އެބައޮތް ކަމަށެވެ.

"މި ހުޅުލޭ އެއާޕޯޓުގެ މައްސަލައާހުރެ، އަޅުގަނޑުމެން މިހާރު އެއޮތީ ދަރާފައި އޮތް މިންވަރާ އެ އަނބުރާދެއްކޭނީ ކޮން ކޮތަކަށްތޯ އާ މެދުވެސް އަޅުގަނޑުމެން މިދަނީ ކަންބޮޑުވުން ހާމަކުރަމުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ބައިނަލްއަގުވާމީ ބަނދަރައި ބައިނަލްއަގުވާމީ އެއާޕޯޓު ތަރައްގީކުރާނެ ތަންތަން ކަނޑައަޅާނީ ދުރު ވިސްނުމަކުން ވިސްނައިގެން ކަމަށެވެ. އެއީ ވޯޓު ދޭންތިބި މީހުންގެ ހިތްހަމަޖެހުމަށް އެކަނި ކުރަ ކަމަކަށް ވެގެން ނުވާނެ ކަމަށާއި އެއީ މުޅި ރާއްޖެއަށް ވިސްނައިގެން ކުރަންޖެހޭ ކަމަކަށް ވާންޖެހޭނެ ކަމަސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިކަމަށް އިޝާރާތް ކުރައވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ވިދާޅުވީ ހަމައެކަނި ރަށްރަށާއި އަތޮޅާއި މެދު ވިސްނުމުގެ ބަދަލުގައި ގައުމާމެދު ވިސްނަން ވެއްޖެ ކަމަށެވެ.

އެއާޕޯޓާ ގުޅޭގޮތުން ހިތަދޫ ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ކޮންމެ މެންބަރަކުވެސް އެ މެންބަރެއްގެ ގޭކުރިމަތީ އެއާޕޯޓެއް އޮތުމުން ފަސޭހަވާނެ ކަމަށާއި ނަމަވެސް އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ. ނިއުޒިލެންޑުން މިސާލު ނަންގަވަމުން މެންބަރު ވިދާޅުވީ އޯލްކެންޑު އެއާޕޯޓައި ވެލިންޓަން އެއާޕޯޓުވެސް ގުޅާލާފައި އޮންނަނީ ޑޮމެސްޓިކް ފްލައިޓުތަކުން ކަމަށާއި، ކެޕިޓަލް ވެލިންޓަންގެ އެއާޕޯޓަކީ އިންޓަނޭޝަނަލް ހުރިހާ ފްލައިޓުތަކެއް ޖައްސާ އެއާޕޯޓެއް ނޫން ކަމަށެެވެ.

"ވެލިންޓަނަށް އަންނަންވާ މީހާ، އޯކްލޭންޑުން އަންނަ އިންޓަނެޝަނަލް ފްލައިޓުން އައިސް ޑޮމެސްޓިކް ފްލައިޓު ނަގައިގެން ވެލިންޓަން އަސް މިދަނީ،" ނާޒިލް ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝަނީފް ވެސް ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ގޭދޮށުގައި އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ނޫޅުމަށް ވިދާޅުވެފަ އެވެ.

ޝަނީފް ވިދާލުވީ ސަރަހައްދީ ތަރައްގީ ގެނެވޭނީ އާބާދީ އާއި އިގްތިސޯދު އޮތްތަނެއްގައި ކަމަށެވެ.

"މުޅި ރާއްޖޭގައި 1100 ރަށް އޮތްއޮރު ހުވަދު އަތޮޅުގައި އެކަނި 255 ރަށް އޮވޭ. އެއީ ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި ރަށް އެއޮތީ ހަމައެކަނި ހުވަދޫ އަތޮޅުގައި. މިސާލަކަށް ބުނަންޏާ، އިނގިރޭސިން އެބޭފުޅުން ހަނގުރާމައަށް ހެދި އެއާޕޯޓެއް އަޅުގަނޑުމެން ކިތަންމެވަރަކަށް ތަރައްގީ ކުރަން އުޅުނަސް ނުވާނެ،" ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިޝާރާތް ކުރައްވާ މެންބަރު ވިދާޅުވި އެވެ.

ގދ ގައި މިހާރު 12 ޓޫރިސްޓު އެބަ ހިނގާ ކަމަށާއި، އައްޑޫ ގައި ދެ ރިސޯޓު އަދި ލ ގައި އެއް ރިސޯޓު ހިންގާއިރު އެ ރިސޯޓުތައް އޮތީ ހުއްޓިފައި ކަމަށާއި، ހުވަދު އަތޮޅަށް ބޭރުން އަންނަ ކޮންމެވެސް އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށް މެންބަރު ވިދާޅުވި އެވެ.

މެންބަރު ޝަނީފް ވިދާޅުވީ ދެކުނުގެ ޓޫރިޒަމް ކުރިއަރާނީ އޭރުން ކަމަށެވެ.

"ހުވަދު އަތޮޅުގެ ރައްޔިތުން ހުވަދު އަތޮޅުގެ ވަސީލަތްތައް އެހެން ބަޔަކަށް ގުރުބާންކުރަން ނެތްކަމަށްވެސް ދަންނަވަން،" ޝަނީފް ވިދާޅުވި އެވެ.

comment ކޮމެންޓް