އާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ އަމާޒަކީ ރައްޔިޔުންގެ އިތުބާރު އޭސީސީއަށް އިތުރުކުރުން: ޝިއުނާ

އޮކްޓޫބަރ 24، 2019: އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އާ ސްޓްރެޓެޖިކް އެކްޝަންގެ އަމާޒަކީ ރައްޔިތުންގެ އިތުބާރު އޭސީސީއަށް އިތުރުކުރުންކަަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

އޭސީސީން 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް ތައާރަފްކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝިއުނާ ވިދާޅުވީ އެ އެކްޝަން ޕްލޭނަކީ މިހާރުގެ މާހައުލަށް ބަލައި ކުރީގެ ތަޖުރިބާތަކުން ފިލާވަޅު ދަސްވެ އޭސީސީގެ ތަސައްވަރަށް ވާސިލް ވުމަށް ޓަކައި އެކަށަ އަޅާފައިވާ މަގު ޗާޓެއް އެކުލަވާލުމުގެ ޕްލޭނެއް ކަމަށެވެ.

އަލަށް އެކުލަވާލި އެކްޝަން ޕްލޭނަކީ މިނިވަން މުވައްސަސާއެއްގެ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން 2008 ވަނަ އަހަރު ވުޖޫދުވީ ފަހުން އެކުލަވާލި އެ ކޮމިޝަންގެ ތިން ވަނަ ސްޓެރެޓިކް އެކްޝަން ޕްލޭންނެވެ.

މިއީ ސްޓޭކްހޯލްޑަރުންގެ ބައިވެރިވުމާ އެކު އެކުލަވާލައިފައިވާ ފުރަތަަމަ ސްޓްރެޓިޖިކް އެކްޝަން ޕްލޭން ވެސްމެ އެވެ.

ޝިއުނާ ވިދާޅުވީ އެ ކޮމިޝަންގެ ދެ ވަނަ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2015 ވަނަ އަހަރުން 2019 ވަނަ އަހަރަށް ތަންފީޒު ކުރުމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.

އެގޮތުން ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މޮނީޓަރިން ޕްލޭން ހެދިފައި ނެތުމާއި ސްޓްރެޓެޖީ ހާސިލްވި މިންވަރު ވަޒަންކުރަންވީ ވަރަށް ބޮޑު ގޮންޖެހުމަކަށްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް އާ އެކްޝަން ޕްލޭނަކީ އޭގައި ހިމެނޭ މަގްސަދުތަކާއި ހަރަކާތްތައް ތަންފީޒް ކުރެވެމުންދާ މިންވަރު ދެނެގަތުމަށްޓަކައި ބޭނުންކުރާ ލަނޑުދަނޑިތަކާއި އިންޑިކޭޓާސްތައް ކަނޑައެޅި ލިޔެފައިވާ ޕްލޭނެއްކަމަށް ޝިއުނާ ވިދާޅުވި އެެވެ.

"އަދި މި ސްޓެރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލައިފައި ވަނީ ވަށާ ޖެހޭ މޮނިޓަރިން އިވޭލުއޭޝަން ޕްލޭނަކާ އެކު ނުވަތަ ތަންފީޒްކުރެވޭ ގޮތް ބެލޭ އަދި ނަތީޖާ ވަޒަން ކުރެވޭ ފުރިހަމަ ނިޒާމަކާ އެކު. ހަމައެއާ އެކު ކުރީގެ ސްޓެރެޓެޖިކް ޕްލޭނާ ހިލާފަށް މި ޕްލޭންގެ ނިޒާމީ ކަންތައްތައް މޮނީޓާ ކުރެވޭނެގޮތަށް އެކަމަށް ހާއްސަ ކޮމެޓީއެއް ވެސް އަޅުގަނޑުމެން ވަނީ އެކުލަވާލައިފައި." ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ އެ ޕްލޭނަކީ ގާނޫނީ ގޮތުން ވެސް އެ ކޮމިޝަނާ ހަވާލުވެފައިވާ މައްސަލައެއް ފުރިހަމައަށް އަދާކުރުމަށް ހުޅުވިގެންދާ މަގެއް ކަމަށެވެ. އަދި ދައުލަތުގެ ނަޒާހަަތްތެރިކަން ކުރިއެރުވުމަށާއި ދިވެހި މުޖުތަމައުއަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަަތްތެރި މުޖުތަމައުއަކަށް ވުމަށް މި ކޮމިޝަނުން ދެކެމުންދާ ތަސައްވުރަށް ވާސިލްވުމަށް އެހީތެރިވެދޭނެ އެއް މައިގަނޑު އެއް ޓޫލްއަކީ ސްޓްރެޓިކް އެކްޝަން ޕްލޭންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ޕްލޭންގެ އެހީގައި އަޅުގަނޑުމެންގެ އުއްމީދަކީ ކޮމިޝަންގެ މުވައްޒަފުންގެ ގާބިލްކަން އިތުރުކޮށް މަސައްކަތްތަކުގެ އިޖުރާތްތައް އިތުރަށް ހަރުދަނާކޮށް ކޮަރަޕްޝަން ހުއްޓުވުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް އެކިއެކީގައި މަަސައްކަތް ކުރުން. އަދި އަޅުގަނޑުގެ އުއްމީދަކީ ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު އިތުރުކުރުން،" ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެކަނި ކުރެވޭނެކަމެއް ނޫން ކަމަށެެވެ.

"މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ދައުުލަތުގެ ކަމާ ބެހޭ އިދާރާތަކާއި އެހެނިހެން ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން މިކޮމިޝަނަށް ބޭނުންވޭ. ހާއްސަ ގޮތެއްގައި ދައުލަތުގެ ތިން ބާރުގެ ފުރިހަމަ އެއް ބާރުލުމާއި އިތުބާރާއި އެހީތެރިކަން އަދި އާންމު ފަރުދުންގެ އެއްްބާރުލުން އަބަދުވެސް ބޭނުންވާކަން އަޅުގަނޑު ފާހަގަކޮށްލަން." ޝިއުނާ ވިދާޅުވި އެވެ.

comment ކޮމެންޓް