ބޮޗޭ އަލުން ޕީޕީއެމްއާ ގުޅިއްޖެ

ކުރީގެ މަޖިލީސް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑީއާރުޕީއިން އިސްތިއުފާ ދިނުމަށްފަހު ކުރީގެ މަޖިލީސް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަނެއްކާ ޕީޕީއެމްއާ ގުޅިއްޖެ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމުގެ އިތުރުން ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމުގައި ހުންނެވުމަށްފަހު އަބްދުﷲ ރިފާއު މި މަހުގެ 16 ގައި ވަނީ އިސްތިއުފާ ދީފައެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކުރީގެ މަޖިލީހުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރުގެ ބޮޗޭ މިއަދު ވަނީ އަލުން ޕީޕީއެމްއާ ގުޅިފައެވެ. އެކަމަށް ހާއްސަ ރަސްމިއްޔާތެއް ޕީޕީއެމް އޮފީހުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބޮޗޭ ވަނީ، ޔޮޓް ޓުއާސް ގްރޫޕްގެ އިތުރުން ޑީއާރުޕީއިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އޭގެއިތުރުން ކާށިދޫ ދާއިރާގެ މަޖިލީސް ސެކްރެޓެރިއޭޓްގެ މަގާމުންވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްތިއުފާ ދެއްވާފައިވާ ހުރިހާ މަގާމުތަކަކީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާ ގުޅުންހުރި ތަންތަނެވެ. އެގޮތުން ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި ހުންނަވަނީ ޖާބިރެވެ.

މި މަހުގެ މެދުތެރޭގައި ޑީއާރުޕީއިން ވަކިވިއިރު އޭނާ އެ ޕާޓީއާ ގުޅިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް