ދެވަނަ ފިޔަވަހީގެ އޯޕަން އެކްސަސް ނެޓްވޯކުން ހިދުމަތް ދިނުމަށް މީޑިއާނެޓާއެކު ސޮއިކޮށްފި

އެޗްޑީސީ އާއި މީޑިއާ ނެޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ ދެވަަ ފިޔަވަހީގައި ގާއިމްކުރާ އޯޕަން އެކްސަސް ނެޓްވޯކް މެދުވެރިކޮށް ހިދުމަތް ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މީޑިއާ ނެޓާއެކު ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްމާޓް އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް ސާވިސް ޕްރޮވައިޑަރުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ނެޓްވޯކު މެދުވެރިކޮށް މީޑިއާ ނެޓުގެ ހިދުމަތް ދެވަނަ ފިޔަވައްސަށް ފޯރުކޮށްދޭނެއެވެ.

އެޗްޑީސީ އިން ބުނީ މިކަމާ ގުޅިގެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ދެ ކުންފުނިން ގުޅިގެން ކުރާނެ ކަމަށެވެ.

އެޗްޑީސީ އާއި މީޑިއާ ނެޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ޑިވެލޮޕްމެންޓް ކުންފުންޏެއްގެ ހައިސިއްޔަތުން އެޗްޑީސީގެ އަމާޒަކީ އިންފްރާސްޓްރަކްޗާ ގާއިމްކޮށް، ކޮމްޕެޓިޝަން މެދުވެރިކޮށް ހިދުމަތްތަކުގެ އަގު ކުރިއަށް އޮތްތަނުގައި ކުޑަކޮށްދިނުން. އެއީ ސީދާ ގޮތުން އެޗްޑީސީ އިން ކުރާ ކަމެއް ނޫން. އެކަމަކު މި ނެޓްވޯކު މެދުވެރިކޮށް ފުރުސަތު އެބަލިބޭ މިހާރު ހިދުމަތްތައް ދޭ ފަރަތްތަކަށާ އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް،" އެޗްޑީސީ އިން ބުންޏެވެ.

މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ކުންފުނިތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތާއި ހަރަދު ކަމަށާއި، އެކަމަށް އިތުރު ލުޔެއް މި ނެޓްވޯކާއެކު ލިބޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މީޑިއާ ނެޓުން ބުނީ އޯޕަން އެކްސަސް ނެޓްވޯކަކީ ވަރަށް ކާމިޔާބު މޮޑެލް އެއް ކަމަށާއި އެ ކުންފުނިން ރަށްރަށުގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް އޯޕަން އެކްސަސް ނެޓްވޯކު ބޭނުންކުރާ ކަމަށެވެ.

އެޗްޑީސީ އިން ބުނީ އޯޕަން އެކްސަސް ނެޓްވޯކަކީ ސްމާޓް ސިޓީ އެއް ގާއިމް ކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބިންގާ ކަމަށެވެ. އޯޕަން އެކްސަސް ނެޓްވޯކު މެޑޮލްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރަތްތައް މުވާސަލާތީ ވިއުގަ އަކުން ގުޅާލުމަށް މައިގަނޑު އެއް ނެޓްވޯކް އިންފްރާސްޓްރަކްޗާ ގާއިމް ކުރާނެއެވެ. މި ނެޓްވޯކުގެ އެހީގައި ދެވަނަ ހިޔަވަހީގެ ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކުގެ ޓެލެމެޑިސިންގެ ހިދުމަތް ފަދަ ޒަމާނީ ހިދުމަތްތައް ލިބިގެންދަނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް