ތައިލެންޑްގައި މުޒާހަރާކުރާ ލީޑަރުންނަށް ޝާހީ އާއިލާއަށް މަލާމާތްކުރުމުގެ ދައުވާ ކުރަނީ

ތައިލެންޑްގައި ކުރިއަށްދާ މުޒާހަަރާތަކުގެ ތެރެއިން--

ތައިލެންޑްގައި މުޒާހަރާކުރާ ހަތް ލީޑަރަކު ޝާހީ އާއިލާއަށް މަލާމާތްކުރުމުގެ ދައުވާ ކުރަން ނިންމައިފިއެވެ.

ތައިލެންޑްގެ ރަސްގެފާނުގެ މިލްކިއްޔާތު ދޫކޮށްލަން އެގައުމުގައި ބާއްވަން އުޅުނު މުޒާހަރާއެއްގެ ލީޑަރުން ދާދި ފަހުން ވަނީ އެގައުމުގެ ފުލުހުންގެ އިދާރާއަށްވެސް ހާޒިރުކޮށްފައެވެ.

މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައިވެސް ޝާހީ އާއިލާއަށް މަލާމަތްކޮށްގެން ބަޔަކަށް ދައުވާކުރާ ފުރަތަމަ ފަހަރެވެ. އެ ދައުވާ ސާބިތު ވެއްޖެނަމަ 15 އަހަރުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ.

ދައުވާ ކުރަން ނިންމާފައިވަނީ ލީޑަރުންގެ ތެރޭގައި ހިއުމަން ރައިޓްސް ލޯޔަރު އާނޮން ނަމްޕާ އާއި ދަރިވަރުންގެ ލީޑަރު ޕުނޫސަޔާ ރަންގް ހިމެނެއެވެ.

ތައިލެންޑްގައި މުޒާހަރާތައް ފެށީ މިދިޔަ ފެބްރުއަރީ މަހުއެވެ. ނަމަވެސް ކޮރޯނާއާ ގުޅިގެން މުޒާހަރާތައް މެދުކެނޑުމަކަށް ފަހު މިދިޔަ ޖުލައި މަހުން ފެށިގެން އަނެއްކާވެސް މުޒާހަރަތާތައް ދަނީ ކުރި އަށެެވެ.

ތައިލެންޑްގެ ކިޔަވާ ކުދިން އިސްވެތިބެ ކުރަމުންދާ މުޒާހަރާގައި ރަސްގެފާނުގެ ބާރުކުޑަކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ދެހާސް ސާދަވަނަ އަހަރު އަސްކަރިއްޔާ އިން ގެނައި ބަޣާވާތަށް ފަހު އެ ގައުމުގެ ގާނޫނު އަސާސީ ބަދަލުކޮށް ރަސްގެފާނަށް އޮންނަ ބާރުތައް ވަނީ އިތުރުކޮށްފަ އެވެ.

މުޒާހަރާގައި ތިން ކަމަކަށް އެމީހުން ދަނީ ޑިމާންޑްކުރަމުންނެވެ. އެގޮތުން ޕާލަމަންޓް އުވާލައި، މިލިޓަރީ އިސްވެ އޮވެ އެކުލަވާލައިފައިވާ ގާނޫނު އަސާސީ ބަދަލުކޮށް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ގޮވާލާފައިވެ އެވެ.-- ރޮއިޓާސް--

comment ކޮމެންޓް