މެކޭނިކަލް މަސައްކަތްތަކަށް އޭނާގެ ކިބައިގައި ހުރި ޝައުގުވެރިކަން އެންމެ ފުރަތަމަ އެނގުނީ އުމުރުން 13 ނޫނީ 14 އަހަރުގައި ބައިސްކަލުތައް މަރާމާތުކޮށް ކުލަޖައްސާ އުޅުމުގެ ތެރެއިންނެވެ. ސްކޫލްގައި ހޭދަ ކުރާ ވަގުތުގެ އިތުރަށް ދެން އޭނާ ފެންނާނީ ކޮންމެވެސް ބައިސްކަލެއްގައި ދުއްވާލަނިކޮށް ނޫނީ ބައިސްކަލެއްގެ މަރާމާތެއްގައި އުޅެނިކޮށެވެ. އަހަރުތަކެއް ފަހުން މިއަދު އޭނާއަކީ ތަރައްގީވަމުން އަންނަ ގއ.ގެމަނަފުށީގައި ހުރި ހަމައެކަނި ގަރާޖް ހިންގާ އެންމެން ގެ "ގަރާޖު ބޯއީ" އެވެ.
މީގެ ދެ އަހަރެއްވަރު ކުރިން އެއްބަނޑު އެއްބަފާ ބޭބެ ހިންގި "އޯމީގް" ގަރާޖުގެ މަސައްކަތާއި އަލީ އައުޝާން ހަވާލުވީ ބޭބެ މާލެ ބަދަލުވުމާއި ގުޅިގެން ބޭބެ އާއި ބައްޕަގެ ލަފާގެ މަތީންނެވެ. ސްކޫލުގައި ހޭދަކުރާ ވަގުތަށްފަހު މުޅީންވެސް އޭނާ އުޅުނީ ގަރާޖުގައިކަމަށް 17 އަހަރުގެ އައުޝާން ބުންޏެވެ.
"އެންމެ ފުރަތަމަ މިކަހަލަ މަސައްކަތަކަށްކޮށް އުޅުނު ހަނދާންވަނީ ބައިސްކަލުގެ މަސައްކަތް. އޭރު އުޅޭނީ އަބަދުވެސް ބައިސްކަލެއް ހޯދައިގެން އެ މަރާމާތުކޮށްލާފައި ކުލަ ޖައްސަން. ކޮންމެވެސް ބަދަލެއް ގެނެސްފައި ނޫނީ މޮޑިފައި ކޮށްފައި ނޫނީ ބައިސްލަލެއް އަނބުރާ ނުދެން" މި މަސައްކަތް ފެށުނު ގޮތާއި ބެހޭގޮތުން އައުޝާން ބުންޏެވެ.
އެހެންނަމަވެސް އައުޝާންގެ ހިތުގައި އޭރުވެސް މިއީ އާމްދަނީ ހޯދަން އޭނާ މުސްތަގްބަލުގައި ކުރާނެ މަސައްކަތް ކަމުގައި ގަސްތު ކޮށްފައެއް ނެތެވެ. އޭނާ ބުނާގޮތުން އެދުވަސްވަރު ބޭނުންވީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެހެނަސް ގަރާޖުގައި ހޭދަކުރެވެން ފެށި ވަގުތުތަކާއި އެކު، ހިތާއި ސިކުނޑިވެސް މިކަމަށް ހުސްވި އެވެ.
ބައިސްކަލު މަރާމާތު ކުރުމުގައި ހޭދަކުރި ވަގުތުތަކަށްފަހު މެކޭނިކަލް މަސައްކަތުގައި އަމަލީ ބިންގާ އެޅިގެންދިޔައީ 2018ގައި ބޭބެ އައުޒަމްގެ ގަރާޖުގައި މަސައްކަތް ކުރަން ފެށުމުންނެވެ.
"ބޭބެ މި މަސައްކަތްދަސްކުރީ އަމިއްލަ އަށް. އަބަދުވެސް ކޮންމެވެސް ސައިކަލެއް ކަހަލަ އެއްޗެއް ރޫޅައިގެން ހުންނަތަން ފެންނާނީ. އަތްގާތް ކޮށްދިނުމުން ފެށިގެން ކުދިކުދި މަސައްކަތް ކޮށްދީ އަމިއްލަ އަށް ކަންކަން ކުރަން ފެށުނީ ." އައުޝާން ކިޔައިދިނެވެ.
ރަށުގައި އޯލެވެލްއާއި ހިސާބަށް ކިޔެވުމަށްފަހު، މިއަދު މުޅީންހެން އައުޝާން ހުސްވެގެން ހުރީ މި މަސައްކަތަށެވެ. ހަފްތާގެ ހަ ދުވަހު ހެނދުނު އަށެއްޖަހާއިރު ގަރާޖަށް ވަންނަ ގޮތަށް މަސައްކަތް މުޅީން އެއްކޮށް ނިންމާލާ ގެއަށް ދެވޭވަރުވަނީ އިރު އޮއްސި މަޣްރިބް ނަމާދަށެވެ.
"ހުކުރު ދުވަސްނޫނީ ކޮންމެ ދުވަހަކުވެސް އަށެއްޖަހާއިރު މަސައްކަތް ފަށަން. ދެން އެއްކޮށް އެދުވަހަކަށް ނިންމާލަނީ 5:30 ނޫނީ 6 ޖަހާ ބޮޑުވާ ފަހުން. ބްރޭކްސް ނަގަން. ދެން ހުކުރު ދުވަހު އަށަކުން 12 އަށް ހުޅުވާފައި ދެން މެންދުރު 2:00 އިން 06:00 ޖަހަންދެން އުޅޭނީ މަސަައްކަތުގައި" އައުޝާން ބުންޏެވެ.
އެހެންނަމަވެސް، ރަށުގައި ހުރި ހަމައެކަނި ގަރާޖަށްވުމުން ރޭގަނޑާއި ދަންވަރު ގަޑީގައި ނަމަވެސް މީހެއްގެ ވެހިކަލެއް މަރާމާރުކޮށް އެހީއަކަށް އެދެފި ނަމަ އޯމީގް ގަރާޖް ހުންނާނީ ހުޅުވިފައި ކަމަށް އައުޝާން ބުންނެވެ.
އެހާ ޅައުމުރުގައިވެސް ބޮޑު ޒިންމާއެއް ކޮނޑު އަޅައިގެން އައުޝާން ކުރިއަށްދާއިރު މަސައްކަތަށް އޭނާ ބަހައްޓާ ފަރުވާތެރިކަމާއި، މަސައްކަތުގެ އަހުލާގަށް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ.
ކިތަންމެ ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކުރަންޖެހުނަސް އައުޝާންގެ އެއްވެސް ޝަކުވާ އެއް ނެތެވެ. މަސައްކަތް ކިތަންމެ ބުރައަސް، ރަށުގައި ހުރި ހަމައެކަނި ގަރާޖަށްވުމާއި އެކު މަސައްކަތްތަކާއި ހަވާލުވެ ވަގުތަށް ނިންމުމަމީ އައުޝާން ދެކޭގޮތުގައި އޭނާގެ ޒިންމާއެއްވެސް މެއެވެ. ގަރާޖުގެ ހިންގުމާއި ހަވާލުވިފަހުން ހުރިހާ މަސައްކަތެއްވެސް އައުޝާން ކުރަމުން ދަނީ އޭނާ އެކަންނެވެ. އެހެންނަމަވެސް ބައެއް ފަހަރު ރަހުމަތްތެރިންވެސް އައިސް ކުޑަކޮށް އެހީވެ އުޅޭ ކަމަށް އައުޝާން ބުންޏެވެ.
"އެންމެ ހިތްހަމަޖެހެނީވެސް ހަމަ ސައިކަލެއް އެއްޗެއްގެ މަސައްކަތްކޮށްލެވުނީމަ. މިކަހަލަ ކަމެއް ނުކޮށްހުރީމަވެސް ވަރަށް ފޫހިވޭ. އެހެންވެ އެހާ ގިނަވަގުތު ގަރާޖުގައި ހޭދަކުރެވެނީވެސް." އޭނާ ބުންޏެވެ.
ވެހިކަލް މަރާމާތުކުރުމާއި، ތެޔޮ ބަދަލުކުރުމާއި، ލައިޓިން މަސައްކަތްތަކުގެ އިތުރަށް ކުލަ ބަަދަލުކުރުމުގެ މަސައްކަތްވެސް އައުޝާން ކުރާއިރު، އޭނާ އެންމެ ކުރާ ހިތްވަނީ ކުލައިގެ މަސައްކަތެވެ. އަދި މިހާތަނަށް ކުރެވިފައިވާ އެންމެ ބޮޑު މަސައްކަތަކީ އިންޖީން އޯހަލް ކުރުމުގެ މަސައްކަތެވެ.
އައުޝާން އެންމެ އުފަލާއި އެކު ފާހަގަކުރަނީ މީހުންގެ ފަރާތުން ލިބޭ ތަރުހީބާއި ހިތްވަރެވެ. އެހާ ޒުވާން އުމުރުގައި މި ދާއިރާއަށް ނުކުތްނަމަވެސް، މީހުންގެ ފަރާތުން އޭނާގެ އުންމީދާއި އަޒުމް ބަލިވާނެ ފަދަ އެއްވެސް ބަހެއް ނުވަތަ ކަމެއް ފެނިފައިނުވާކަމަށް އައުޝާން ބުންޏެވެ. އަދި އެންމެންގެ ފަރާތުންވެސް މި މަސައްކަތަކީ ކުރިއަށްދިއުމަށް ރަނގަޅު ކަމެއްކަމުގައި ބުނެ އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދޭކަންވެސް އައުޝަން ނިކަން އުފަލާއި އެކު ފާހަގަކުރެ އެވެ.
އެއާއެކު، ކުރިން ދެކެމުން އައި ހުވަފެންތަށް މިއަދު ހާއްސަވެފައިވަނީ މުޅީންވެސް މި ދާއިރާއަށެވެ. ގަރާޖަށްޓަކައި އައުޝާން ދެކެމުން އަންނަ ހުވަފެންތައް ފޮންޏެވެ. ކުރިއަށް އޮތްތަނުގައި ގަަރާޖު ބޮޑުކޮށް މިހާރު ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ވީއެންމެ ރަނގަޅަށް މިކަން ކުރުމުގައި ދެމިހުރުމަކީ އޭނާ ގެ އުންމީދެވެ. އޭނާ ހުރީ ޒުވާން ނަމަވެސް އެ އަޒުމުގަ އެވެ.