ބަޖެޓު 34.9 ބިލިއަނަށް ބޮޑުކޮށް، އާމްދަނީ އިތުރުކުރަން ކޮމެޓީން ފާސްކޮށްފި

ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މިރޭގެ ބައްދަލުވުން -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓު ދިރާސާކުރާ ކޮމެޓީން ބަޖެޓު ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.

ނަމަވެސް ބަޖެޓު ދިރާސާކުރާ ކޮމެޓީން ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާއަށް އުނިއިތުރު ގެނެސް، ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓަށް ވެސް އުނި އިތުރު ގެނެސް، ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 8.9 މިލިއަން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް 11 މިލިއަން، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދެ މިލިއަން، ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ދެ މިލިއަން، ސިވިލް ސާވިސް ކޮމިޝަނަށް 2.1 މިލިއަން، އެޗްއާރްސީއެމް އަށް 1.9 މިލިއަން ރުފިޔާ، އޭސީސީއަށް 1.5 މިލިއަން، ޕީޖީ އޮފީހަށް ދެ މިލިއަން، މީރާއަށް 1.5 މިލިއަން ރުފިޔާ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ދެ މިލިއަން، ބްރޯޑްކާސްޓިން ކޮމިޝަނަށް 1.9 މިލިއަން، ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް އަށް ލައްކަ ރުފިޔާ، އެލްޖީއޭ އަށް 2.5 މިލިއަން ރުފިޔާ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފަސް ލައްކަ، އެންއައިސީއަށް އެއް މިލިއަން، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ދެ މިލިއަން، އިސްލާމިކް ޔުނިވާސިޓީ އަށް ދެ މިލިއަން، ގައުމީ ޔުނިވާސިޓީއަށް ދެ މިލިއަން ވަނީ އިތުރުކުރަމަށް ކޮމެޓީން ނިންމައިފަ އެވެ.

ހަމައެއާއެކު އާމްދަނީ ހޯދަން އިތުރުކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 598 މިލިއަން، ގްރީން ޓެކްސްގެ ގޮތުގައި 253 މިލިއަން، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 218 މިލިއަން، އޭޑީސީން 219 މިލިއަން، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން އަދި ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުވެ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.

އެ އަދަދުތަކާ އެކު ދައުލަތުގެ ބަޖެޓަށް ކޮމެޓީން ސަރުކާރަށް ހުށަހަޅާ ރެކޮމެންޑޭޝަން ތަކާއެކު ފާސްކުރަމަށް ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިރޭ ވަނީ ފާސްކޮށްފަ އެވެ.

ބަޖެޓަށް ބަދަލުގެނެސްފައި ވަނީ މިއަދު ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާކުރުމަށްފަހު އެވެ.

comment ކޮމެންޓް