ސްކޫލު ޔުނިފޯމް އެއްލާލުމުގެ ބަދަލުގައި، ބޭނުންވާ ކުދިންނަށް ދޭގޮތަށް، އައްޑޫ ސިޓީ ހިތަދޫ ސްކޫލުން "ޔުނިފޯމް އެކްސްޗޭންޖް" ޕްރޮގްރާމެއް ފަށައިފިއެވެ.
ހިތަދޫ ސްކޫލުން ބުނީ މި އަހަރު ދަރިވަރުން ސްކޫލްގެ އޮފިޝަލް ޔުނިފޯމް ބޭނުންކޮށްފައި ވަނީ ވަރަށް މަދު ދުވަސްކޮޅެއްގައި ކަމަށްވާތީ ޔުނިފޯމު ހުންނާނީ އާކޮށް ކަމަށެވެ.
ނަމަވެސް ކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލުގެ ސަބަބުން، މި އަހަރުގެ ޔުނިފޯމް ދެން ބޭނުންނުކުރެވޭނެ ކުދިން ވެސް ތިބޭނެ ކަމަށެވެ.
އެގޮތަށް ހުރި ބޭނުން ނުކުރެވޭ ޔުނިފޯމްތައް އެއްލާލުމުގެ ބަދަލުގައި، ބޭނުންވާ ފަރާތަކަށް ހަދިޔާކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، އެކަމަށް އެހީތެރިވުމަށް އެ ސްކޫލުން ޔުނިފޯމް "އެކްސްޗޭންޖް" ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށެވެ.
ހިތަދޫ ސްކޫލުން ބުނީ، ދަރިވަރުންނަށް ކުޑަވެފައިވާ ޔުނިފޯމުތައް ސްކޫލަ ހަވާލުކޮށްދިނުމުން، ޔުނިފޯމް ބޭނުންވާ އެހެން ބެލެނިވެރިންނަށް ޔުނިފޯމް ލިބޭނެ އިންތިޒާމް ސްކޫލުން ހަމަޖައްސައިދޭނެ ކަމަށެވެ.
އެގޮތުން ފިރިހެން ކުދިންގެ އޮފިޝަލް ޔުނިފޯމުގައި ހިމެނޭ ގަމީސް، ފަޓުލޫނު، ޓައި، އަންހެން ކުދިންގެ ޔުނިފޯމުގައި ހިމެނޭ މަތި އަދި ތިރި ވެސް އެކްސްޗޭންޖު ކުރެވޭނެ އެވެ. އޭގެ އިތުރުން ސްކޫލު ބޫޓާއި، އިސްޓަކީނު، އަދި އެކްޓިވިޓީ ޔުނިފޯމް ވެސް އެ ޕްރޮގްރާމުގެ ދަށުން އެހެން ކުދިންނަށް ބަދަލުކުރެވޭނެއެވެ.
ހިތަދޫ ސްކޫލުން ބުނީ، ޔުނިފޯމް ރީތިކޮށް ފަތް ޖަހައި ނުވަތަ ކޮނޑެއްގައި އަޅުވައި ސްކޫލާ ހަވާލުކުރުމުން، ބޭނުންވާ ބެލެނިވެރިންނަށް ޔުނިފޯމް ފޯރުކޮށްދޭނެ ކަމަށެވެ.