ޒިޔަތު 32 ދައުވާއަށް އިއުތިރާފުވާން އެއްބަސްވެޖެ

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމެއްގައި ----

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އިއުތިރާފުވާން އެއްބަސްވެ، އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ އަނބުރާ ގެންދަވައިފި އެވެ.

ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ކްރިމިނަލް ކޯޓުން ޒިޔަތަށް އިއްވި އަށް އަހަރުގެ ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުުމުން އެ ހުކުމް ހައިކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެއްބާރުލުންދީ ކުށްތަކަށް އިއުތިރާފުވުމަށް މިހާރު ޒިޔަތު އެއްބަސްވެފައިވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ އަނބުރާ ގެންދަން އެދި އޭނާ ވަނީ އެ ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި ވަނީ އިޖުރާއީ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިންނެވެ.

އެ އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ، އޭނާ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވި ފަދައިން، މައްސަލަ އަނބުރާ ގެންދަން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އެއްބަސްވުމުގެ ދަށުން ކަމަށެވެ.

އެކަން ކުރީ އެއްވެސް މަޖުބޫރެއް އޮވެގެންތޯ ނުވަތަ ނުފޫޒެއް އޮވެގެންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އެއްވެސް މަޖުބޫރުކަމެއް އަދި ނުފޫޒެއްވެސް ނެތް ކަމަށެވެ.

މައްސަލަ އަނބުރާ ގެންދިޔުމަށް ދައުލަތުން އިއުތިރާޒު ކުރާތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ދައުލަތުން މިއަދު ބުނީ މައްސަލަ އަނބުރާ ގެންދަން އިއުތިރާޒު ނުކުރާ ކަމަށެވެ.

މައްސަލަ އަނބުރާ ގެންދަން ޒިޔަތު ނިންމެވި ސަބަބު އިތުރަށް ތަފްސީލުކޮށްދެމުން، ދައުލަތުގެ ވަކީލު ބުނީ، ޒިޔަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ޒިޔަތާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 32 ދައުވާއަށްވެސް އޭނާ އިއުތިރާފުވާން ބޭނުންވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެ 32 މައްސަލައަކީވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަތަކަށް ވާއިރު އަދި ސުޕްރީމް ކޯޓުގައި ހިނގާ މާބިންހުރާ މައްސަލައަކީވެސް އެ ހިޔާނާތުގެ މައްސަލައަކަށް ވާއިރު، ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލަތަކަށް އިއުތިރާވުމަށްފަހު ސުޕްރީމް ކޯޓުގައި އެ މައްސަލައަށް އިންކާރު ކުރުމަކީ އަރައިރުންވާ ފަދަ ކަމެއް ކަމަށް ދައުލަތާއި ޒިޔަތަށްވެސް އެއްބަސްވެވޭ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވާހަކަ ނިމުނުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ، މައްސަލަ އަނބުރާ ގެންދިޔުމާ ގުޅޭގޮތުން ދޫކުރަން ޖެހޭ ލިޔުންތައް ކޯޓުން ދެ ފަރާތަށްވެސް ދޫކުރާނެ ކަމަށެވެ. އެއަށްފަހު އަޑުއެހުން ނިންމާލީ އެވެ.

މާބިންހުރާ މައްސަލައިގައި ޒިޔަތަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަމަވެސް އޭނާ މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގަ އެވެ.

comment ކޮމެންޓް