އައިސް ބަކެޓް ޗެލެންޖް އެކްޓިވިސްޓު ޕެޓްރިކް ކުއިން މަރުވެއްޖެ

އައިސް ބަކެޓް ޗެލެންޖު ސޯޝަލް މީޑިއާގައި މަޝްހޫރު ކުރުމުގައި ޕެޓްރިކް ކުއިން އިސް ދައުރެއް އަދާ ކުރި -- ފޮޓޯ: ގެޓީ

ނިއު ޔޯކް (ނޮވެމްބަރު 23): ދެހާސް ސާދަ ވަނަ އަހަރު ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު އައިސް ބަކެޓް ޗެލެންޖް މަޝްހޫރުކޮށްދިން ޕެޓްރިކް ކުއިން 37 އަހަރުގައި މަރުވެއްޖެ އެވެ.

އެމްޔޯޓްރޮފިކް ލެޓެރަލް ސްކްލެރޯސިސް (އޭއެލްއެސް)އާ ބެހޭ ދިރާސާތަކަށް ފައިސާ އެއްކުރުމަށް ފެށި އައިސް ބަކެޓް ޗެލެންޖް ސޯޝަލް މީޑިއާގައި ކުރިއަރުވާ، އެ ޗެލެންޖަށް ދުނިޔޭގެ ސަމާލުކަން ހޯދުމުގައި ކުއިން އާއި އޭނާގެ އާއިލާ އާއި އެކުވެރިން އިސް ދައުރެއް އަދާ ކުރި އެވެ.

ނާރުގެ ބައްޔެއް ކަމަށްވާ އޭއެލްއެސް ހުރިކަން 2013 ވަނަ އަހަރު އެނގުނު ކުއިން މަރުވީ އިއްޔެ ހެނދުނު ކަމަށް އޭނާގެ ގާތް ފަރާތްތަކުން ފޭސްބުކް މެދުވެރިކޮށް ބުންޏެވެ. އަދި އޭއެލްއެސް އެސޯސިއޭޝަނުން ވަނީ އައިސް ބަކެޓް ޗެލެންޖަށް ކުއިން ކޮށްދިން މަސައްކަތްތަކާއި އޭގެ ސަބަބުން ލިބުނު ފައިދާތައް ފާހަގަކޮށްފަ އެވެ.

"އޭއެލްއެސްއާ ދެކޮޅަށް ކުރަމުން ދިޔަ މަސައްކަތްތައް އައިސް ބަކެޓް ޗެލެންޖުގެ ސަބަބުން އިތުރުވެގެންދިޔަ، އެއާއެކު ބައްޔާ ބެހޭ ދިރާސާތަކުން އާ މައުލޫމާތު އެނގި، އޭއެލްއެސް ހުންނަ މީހުންނަށް އަޅާލާ މިންވަރު އިތުރުވެ، އޭއެލްއެސްގެ ދިރާސާތަކަށް ސަރުކާރުން އިންވެސްޓު ކުރާ މިންވަރު އިތުރުވި،" އޭއެލްއެސް އެސޯސިއޭޝަނުން ބުންޏެވެ.

އައިސް ބަކެޓް ޗެލެންޖުގައި މީހުން ފިނި ފެން ބޮލަށް އެޅުމަށް ފަހު ސޯޝަލް މީޑިއާގައި އެ ވީޑިއޯ ހިއްސާ ކުރެ އެވެ. އަދި އެ ޗެލެންޖު ފުރިހަމަ ކުރަން ނުވަތަ އޭއެލްއެސްގެ ދިރާސާތަކަށް ފައިސާ ހަދިޔާ ކުރަން ބުނެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ޗެލެންޖު ފުރިހަމަަ ކުރުމާއެކު ފައިސާ ހަދިޔާ ކުރެ އެވެ.

އައިސް ބަކެޓް ޗެލެންޖުގައި ބައިވެރިވި މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އާއި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ގިނަ އަދަދެއްގެ މަޝްހޫރު އެކްޓަރުންނާއި ލަވަކިޔުންތެރިން ހިމެނެ އެވެ. އަދި އެ ޗެލެންޖުގެ ސަބަބުން އޭއެލްއެސްގެ ދިރާސާތަކަށް 220 މިލިއަން ޑޮލަރު އެއް ކުރެވުނެވެ.

އޭއެލްއެސް އަކީ ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލް ކުރާ ނާވް ސެލްތަކަށް ގެއްލުންވެ، ދުވަސްވާ ވަރަކަށް ހިނގުމާއި ކެއިންބުއިމާއި ނޭވާލުމަށްވެސް ނުކުޅެދޭ ވަރު ކުރާ ބައްޔެކެވެ. އެ ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވެ އެވެ.

comment ކޮމެންޓް