ޅ. އޮޅުވެލިފުށީގެ ރައްޔިތުން ނުކުމެ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުކޮށް، އެ ރަށުގައި އުޅުނު ދެ މީހަކު ރޭ އެ ރަށުން ބޭރުކޮށްލައިފި އެވެ.
އޮޅުވެލިފުށީގައި ރޭ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެ މަސްތުވާތަކެތީގެ ވިޔާރި ކުރުމާ ދެކޮޅަށް އިހުތިޖާޖުކޮށްފަ އެވެ.
އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އާޒިމް "ސަން"އަށް ވިދާޅުވި ގޮތުގައި، އެކަން ހިނގީ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް އާންމުން ތުހުމަތު ކުރާ ދެ މީހަކު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ކުޑަކުއްޖަކު ލައްވައި އެހެން މީހަކަށް ދޭ ތަން ފެނިގެންނެވެ.
އާންމުން ތުހުމަތު ކުރީ އެ ކުއްޖާ މެދުވެރިކޮށް އެ ދެ މީހުން އެ އެއްޗެއް ވިއްކަން އުޅުނު ކަމަށެވެ.
ތުހުމަތު ކުރެވުނީ ހދ. ކުޅުދުއްފުށީ މީހަކާއި ބ. ފުޅަދޫ މީހަކަށެވެ. އެ ދެ މީހުންނަކީ އާއިލީ ގޮތުންވެސް އޮޅުވެލިފުއްޓާ ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެ ދެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ރަށު ތެރޭގައި ކުރިންވެސް ވަރަށް ބޮޑަށް ޝައްކު އުފެދިފައިވާ ކަމަށެވެ.
"އަބަދުވެސް އެ މީހުންނަށް ޝައްކު ކުރެވޭ. އެ ދަނީ މި އަތޮޅުގެ ރަށްރަށަށް ލޯންޗު ފަހަރުގައި އަވަސް އަވަހަށް. އެއީ ލޯންޗުފަހަރުގައި އުޅޭ ބައެއް. ހުރިހާ އެންމެނަށްވެސް އެނގޭ އެކަމުގައިކަން އެ އުޅެނީ،" އާޒިމް ވިދާޅުވި އެވެ. "މަސްތުވާތަކެއްޗަށް ހަމަ ވަރަށް ބޮޑަށް ޝައްކު ކުރެވޭ މީހުން އެއީ،"
ރަށު ތެރެ ހަލަބޮލިވުމުން، ތުހުމަތު ކުރެވުނު ދެ މީހުން ވަނީ ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެ ފުލުހުންގެ އެހީތެރިކަމަށް އެދިފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މީހުންގެ އެދުމުގެ މަތިން ރޭ އެ ދެ މީހުން ފުލުހުންގެ ލޯންޗުގައި ޅ. ނައިފަރަށް ގެންދިޔަ ކަމަށެވެ.
އާންމުންގެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން މިހާރު ބަލާފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ. އަދި އެ މީހުން އަތުން މަސްތުވާތަކެއްޗެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
"ކުރާ ތުހުމަތާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާފައި ވާނީ. އެ މީހުން އުޅުން ތަނަކުންވެސް އެ މީހުން އަތުންވެސް އެއްވެސް ކަހަލަ މަސްތުވާތަކެއްޗެއް ފެނިފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ކައުންސިލުގެ ރައީސް އާޒިމް ވިދާޅުވީ އޮޅުވެލިފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރިއާ އަޅާބަލާއިރު މިހާރު ފުޅާވެފައިވާ ކަމަށެވެ. ނަމަވެސް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އެ އަތޮޅުގެ އެހެން ރަށްރަށާ އަޅާ ބަލާއިރު މަދު ކަމަށް އޭނާ ވިދާޅުވި އެވެ.