ގާޒީ އަބްދުލްބާރީ ފަނޑިޔާރުކަމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ގާޒީ ބަރީއަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލައި، އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަޖިލީހަށް ފޮނުވީ މިމަހު 17 ވަނަ ދުވަހުއެވެ.

ޖުޑީޝަރީ ކޮމިޓީގެ ޒިންމާއަކީ، ޖޭއެސްސީގެ ނިންމުމަކީ އިޖުރާރަތްތަކާ އެއްގޮތަށް ނިންމި ނިންމުމެއްތޯ ބަލައި ގޮތެއް ނިންމުމަށްފަހު ތަޅުމަށް ފޮނުވުމެވެ.

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީން ނިންމީ، ޖޭއެސްސީންގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެން ކަމުން އޭނާ މަގާމުން ވަކިކުރުމަށް ތަޅުމަށް ފޮނުވުމަށް ކޮމިޓީން ނިންމިއެވެ. ކޮމިޓީން އެގޮތަށް ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ.

ގާޒީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލައެވެ.

https://sun.mv/145720

ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ބެންޗްގައި ހިމެނިވަޑައިގަންނަވާ ބާރީ މިހާރުވެސް ހުންނެވީ، ޖޭއެސްސީން ބެލި މައްސަލަތަކާ ގުޅިގެން ސަސްޕެންޝަންގައެވެ.

ގާޒީ ބާރީގެ ވަކިކުރުމުގެ މައްސަލައިގެ އިތުރުން ދ. އަތޮޅު ޖޫޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަވެސް ޖޭއެސްސީން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ މިއަދު ޖުޑީޝަރީ ކޮމިޓީގައި ދިރާސާކޮށް ނިންމީ، ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެން ކަމުން އޭނާވެސް މަގާމުން ވަކުކުރަން ފެންނަ ކަމަށް ނިންމައި ތަޅުމަށް ފޮނުވަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް