ގާޒީ އަބްދުލްބާރީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތް ނިންމުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފައެވެ.

ގާޒީ ބާރީގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމީ މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައެވެ.

ގާޒީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލައެވެ.

ޖޭއެސްސީން ބުނީ އެ މައްސަލަތަކުގެ ތަހްގީގުގެ ގެތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު އާއި ގާޒީ ބާރީއާއި ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބާރީ ބައިވެރިވިކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަދީބަށް ފޮނުވުމަށް ގާޒީ ބާރީ އެ ހުކުމް ދިންކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހަމައެއާއެކު، އޭރުގެ ސަރުކާރުން "ބޭނުންވި ގޮތަށް ޝަރީއަތްތައް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު،" ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ހަމަ އެ ދުވަސްވަރު ކުރީގެ ނައިބުރައީސް އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޒީ ބާރީއަށް ދީފައިވާކަމާއި، ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ދައްކާފައިވާއިރު، އެފައިސާއަކީ ގާޒީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަހުގީގަށް އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

ބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ގާޒީ ބާރީއާ ބެހޭގޮތުން ޖިނާއީ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން އަންގާފައިވާތީ، ބާރީ މިވަގުތު ހުރީ ސަސްޕެންޑްކޮށްފައެވެ.

comment ކޮމެންޓް