އިތުބާރުގެ މައްސަލާގައި މަލީހުގެ ރައްދު: ތިއީ ބައިކޮޅަށް ޖެހި ގޯލެއް

ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޑީޕީއިން އޭނާގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށާއި އެއީ ހިޔާލު ފާޅު ކުރުމުގެ ތާޖު އަޅައިގެން ބައިކޮޅަށް ޖެހި ގޯލެއް ކަމަށް، ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ޓެލެކޮމިއުނޭޝަން ގާނޫނުގައި ބުނާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭ އެއްވެސް ގަވައިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ.

އެ މައްސަލަ ޖައްސާފައި ވަނީ ސަރުކާރު ހިންގަންވާނެ ގޮތް މަޖިލީހަށް ނޭނގޭނެ ކަމަށް ބުނެ ޓީވީ ޕްރޮގްރާމެއްގައި މަލީހު ވާހަކަދެއްކެވި ފަހުންނެވެ. އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވަން މިއަދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލަ ވެއްދެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެ ނިންމުމުގެ މައުލޫމާތު ޓްވިޓާގައި ހާމަ ކުރުމުން މަލީހު ވަނީ އަނެއްކާވެސް އޭނާއަށް ރައްދު ދީފަ އެވެ.

ރައްދުގައި މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފާސް ކުރެވިގެން އެ ދިޔައީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގާނޫނުއަސާސީގެ މާއްދާ 27އަށް އިތުބާރު ނެތް ކަމަށް ކަމަށެވެ. އަދި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން ބައިކޮޅަށް ޖެހި ގޯލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"ތިޔައީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް. އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު،" މަލީހު ވިދާޅުވި އެވެ.

މީގެ ކުރިން މަލީހް ވިދާޅުވެފައި ވަނީ އޭނާ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބުދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖަހައި، ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑު ކޮށްލުން ކަމަށެވެ. އަދި އެ މައްސަލައިގައި މީކާއީލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ގަވައިދުތަައް ހެދުމަށް މިނިސްޓަރާއި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކާއި މުވައްޒަފުން ކުރި މަސައްކަތަށް ސީދާ މިނިސްޓަރު ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށް އެމައްސަލާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް