އިސްރާއީލާ ސުލްހަވެ ގުޅުންތަށް އުފައްދާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި ދިނުމުން: ސައުދީ

ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާނު

ރިޔާޒް (ނޮވެމްބަރު 22): ސައުދީ އަރަބިއާއިން އިސްރާއީލާ ސުލްހަ ގާއިމުކޮށް އިސްރާއީލާ ގުޅުންތަށް އުފައްދާނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކޮށްދިނުމުން ކަމަށް ސައުދީޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން ވިދާޅުވެއްޖެއެވެ.

ފަރްޙާން އާ ހަވާލާދީ ޚަބަރުފަތުރާ ވަސީލަތްތަށް ބުނާގޮތުން މިމޭރުމުން އޭނާ ވާހަކަ ދެއްކެވީ ސައުދީން އިސްރާއީލާ ގުޅުންތަށް ގާއިމް ކުރާނެތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ. ފަރްޙާން ވިދާޅުވީ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިމުގައި ފަލަސްތީނުވެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކޮށްދޭގޮތަށް އިސްރާއީލުން ފަލަސްތީނާއެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒުކުރަން ފެށުމުން ސައުދީސަރުކާރުން އޮތީ އިސްރާއީލާކު ސުލްހަ ގާއިމުކޮށް ގުޅުން އުފައްދަން ތައްޔާރަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކޮށްދިނުމަކީ އިސްރާއީލާ ގުޅުންތަށް އުފެއްދުމުގެ ޝަރުތެއް ކަމަށާ މިޝަރުތު ފުރިހަމަ ކުރުމާ ނުކުރުން އޮތީ އިސްރާއީލުގެ އަތްމަތީގައި ކަމަށްވެސް ސައުދީޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އެމެރިކާގެ ފިއްތުންތަކާއެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރައިން އިން ދާދިފަހުން އިސްރާއީލާ ގުޅުންތަށް ގާއިމް ކުރީ ސައޫދީގެ ރުހުމާއި ތާއީދު ލިބިގެންކަމާއި ސައުދީވެސް ވަރަށް އަވަހަށް އިސްރާއީލާ ސުލްހަވެ ގުޅުންތަށް ގާއިމްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އޮކްޓޯބަރުމަހު ވިދާޅުވެފައިވެއެވެ. ސައުދީވަނީ އިސްރާއީލާ ގުޅުންތަށް ނުއުފެއްދި ކަމުގައިވިޔަސް ފަރުދާގެ އަނެއްފަރާތުން އިސްރާއީލާ ވަރަށް ބޮޑަށް ގާތްވެފައެވެ. މިކަން އެމެރިކާގެ މަސްއޫލުވެރިން ވަނީ ކަށަވަރުވެސް ކޮށްދެއްވާފައެވެ.

ސައުދީ ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަވެސް އިސްރާއީލުގެ މަދަނީ މަތިންދާބޯޓުތަކަށް ދީފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތަށް ގަދަބާރުން ހިފައިގެން އޮވެ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ އެތަށް ބަޔަކު ޝަހީދު ކުރަމުން ގެންދާއިރުވެސް ޔޫއޭއީ އާއި ބަހްރައިން އިން އިސްރާއީލާ ގުޅުންތަށް ގާއިމްކުރި ކުރުމަށް ތާއީދުކުރާކަން ސައުދީވަނީ ނުސީދާ ގޮތަކަށް ހާމަކޮށްފައެވެ.

ނަމަވެސް ސައުދީސަރުކާރުން އިސްރާއީލާ ގުޅުންތަށް ގާއިމްކުރުމާމެދު ސައުދީމަސްއޫލުވެރިން ވިދާޅުވަމުން ގެންދަވަނީ އެކަންވާނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކޮށްދިނުމުން ކަމުގައެވެ. މިދިޔަ މަހުވެސް ސައުދީޚާރިޖީ ވަޒީރުވަނީ ސައޫދީން އިސްރާއީލާ ސުލްހަ ގާއިމުކޮށް ގުޅުންތަށް އުފައްދާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުން ކަމަށް ވިދާޅުވެފައެވެ. (ނޫސްއެޖެންސީތަށް)

comment ކޮމެންޓް