އިމްރާން ވަކިކުރަން އެމްޑީޕީ ޕީޖީން ފާހެއް ނުވި

އިމްރާން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު: އެ ޕާޓީ ޕީޖީން ފާސްކުރީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުކޮށްލަން --- ފައިލް ފޮޓޯ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަކިކުރަން އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވެއްދި މައްސަލައަށް، ތާއީދު ނުކުރަން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން ފާހެއް ނުވި އެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ 11 މެމްބަރުންގެ ސޮޔާއެކު އިދިކޮޅުގެ ފަރާތުން ހުށެޅީ މިދިޔަ މަހު 26ގަ އެވެ.

އެކަމާ މެދު ގޮތެއް ނިންމުމަށް މިއަދު އެމްޑީޕީ ޕީޖީގައި ނެގި ވޯޓުން ފާސްވީ، އޭނާ ވަކިކުރަން ނުފެންނަ ކަމަށެވެ.

އިމްރާން މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި، އެކަމަކީ އަދައިގެ ކަމެއް ކަމަށް ސިފަވާގޮތަށް އޭނާ ވާހަކަ ދެއްކުމުންނާއި މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

އިމްރާން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީގެ ތާއީދު ނުލިބޭނެ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

"ހިޔާލު ތަފާތުވާ ކޮންމެ ފަހަރު، އެއީ ހުސްބުޅީގައި އަޅުގަނޑުމެން ގަންނާނެ ކަމަށް [އަދި] އަޅުގަނޑުމެންގެ އެޖެންޑާއާ ހިލާފަށް މަޖިލީހުގައި ކަންތައް ކުރަމުން ގެންދާނެ ކަމަށް އުންމީދުކޮށްގެން، އެ ހުސްބުޅި ވިސްނުމުގައި ކަންކަން ކުރެވިދާނެ ކަމަށް [އިދިކޮޅުން] ގަބޫލުކޮށްގެން ނުވާނެ،" އާޒިމް ވިދާޅުވި އެވެ.

މަޖިލިސް ގަވައިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ބޭނުން ވަނީ 10 މެމްބަރުންގެ ސޮއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

އެމްޑީޕީގެ ތާއީދު އެކަމަށް ނުލިބުމުން އިމްރާންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާހެއް ނުވާނެއެވެ.

މަޖިލީހުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ތިއްބަވަނީ ނުވަ މެމްބަރުންނެވެެ. އެ ކޯލިޝަންގެ މެންބަރުންގެ އިތުރުން ދެން އެ މައްސަލައިގައި ސޮއިކުރެއްވީ އަމިއްލަ ދެ މެމްބަރުންކަމަށްވާ، ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމް އާއި ތުލުސްދޫ ދާއިރާ މެމްބަރު އިބްރާހިމް ނަސީމެވެ.

comment ކޮމެންޓް