ކުލި ދައްކަން ނުޖެހޭގޮތަށް ދެވަނަ ފިޔަވަހިން ވިޔަފާރި ޖާގަ ލިބޭ މުބާރާތެއް

އީޖާދީ މަންސަ ޕްރޮގްރާމު އިފްތިތާހު ކުރުން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިޔަފާރި ޖާގަ ލިބޭ މުބާރާތެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިފްތިތާހު ކޮށްފިއެވެ.

"އީޖާދީ މަންސަ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

މިއީ އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދި ސްޓާޓް އަޕް ވިޔަފާރިތަކުގެ އުފެއްދުންތެރި ހިޔާލުތައް ހުށަހަޅައިގެން ހުޅުމާލެ ސިޓީއެއްގެ ގޮތުގައި އަދި ގްރޭޓާ ކޮމިޔުނިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބައިވެރިވުމުގެ ފުރުސަތު ދޭ މުބާރާތެކެވެ.

މުބާރާތުގެ ބޭނުމަކީ ވިޔަފާރިތަކަށް މާލީގޮތުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއްދީ، އެ ވިޔަފާރިތައް ހުޅުމާލޭގައި ގާއިމުވެ ފަށައިގަތުމަށް ފުރުސަތު ދިނުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މުބާރާތުގެ ގައިޑްލައިން އެޗްޑީސީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

ގައިޑްލައިން ބުނާގޮތުން ފަސް ކެޓަގަރީ އަކުން އުފެއްދުންތެރި ހިޔާލުތައް ހުށަހެެޅޭނެއެވެ. އަދި ކޮންމެ ކެޓަގަރީ އަކުންވެސް އެންމެ ރަނގަޅު އަދި ދެވަނަ އަށް އެންމެ ރަނގަޅު ހިޔާލު ހޮވާނެއެވެ. އެއްވަނައަށް ހޮވޭ ވިޔަފާރި ހިޔާލަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުލި ދައްކަން ނުޖެހޭގޮތަށް އެއް އަހަރަށް ވިޔަފާރި ޖާގަ ދޭއިރު ދެވަނަ އަށް ވިޔަފާރި ޖާގަ ދެނީ ކުލި ދައްކަން ނުޖެހޭނެހެން ހަ މަސް ދުވަހަށެވެ. ވިޔަފާރި ޖާގައަށް ދޫކުރަނީ 550 އަކަފޫޓުގެ ޖާގައެކެވެ.

މި މުބާރާތުގައި ހިޔާލު ހުށަހަޅަންޖެހޭ ކެޓަގަރީތަކަކީ ކާބޯތަކެތި، ފަންނު، ވެލްނެސް، ވައްޓަފާޅި އަދި ހިދުމަތް މި ފަސް ކެޓަގަރީއެވެ.

ކުލި ހިލޭ ކޮށްދޭޭ ދުވަސްތަކުގެ ފަހުން މި ވިޔަފާރި ޖާގަތަކަށް ފުރަތަމަ ދެ މަހު ދައްކަން ޖެހޭނީ އަކަފޫޓަކަށް މަހަކު 10 ރުފިޔާއެވެ. އޭގެ ފަހުން ތިން ވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާއި ހަމައަށް، އަކަފޫޓަކަށް މަހަކު 20 ރުފިޔާ އެވެ.

މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ އާންމު ފަރުދުންނަށާއި ކުންފުނިތަކަށް އަދި ހޯމް ބޭސްޑް އަދި އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

އެޗްޑީސީ އިން ބުނީ މުބާރާތަށް އެޕްލިކޭޝަން ހުށަހެޅުމާއި އަދި އެނޫންވެސް މައުލޫމާތު އެ ކުންފުނިން ލިބޭނެ ކަމަށެވެ. މިއީ ކޮވިޑް19ގެ ބަލިމަޑުކަމާއެކު ވިޔަފާރިތަކަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް ފުރުސަތު ދިނުމަށް ކުރިއަށްގެންދާ މުބާރާތެއް ކަމަށްވެސް އެ ކުންފުނުން ބުންޏެވެ.

މި މުބާރާތަށް ހުށަހަޅަ ހިޔާލުތަކުގެ ތެރެއިން ހޮވާލެވޭ ވިޔަފާރި ހިޔާލުތައް އަންނަ މަހުގެ މާޗުމަހު އިއުލާނު ކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް