ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ސާމާނު ދިރާގުން ހަދިޔާކޮށްފި

ކުޑަކުދީންގެ ހިޔާގެ ކޮމްޕިއުޓާ ލެބަށް ބޭނުންވާ ބައެއް ވަސީލަތްތައް ވަނީ ދިރާގުން ހަދިޔާކޮށްފައި --- ފޮޓޯ : ދިރާގު

ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާގެ ކޮމްޕިއުޓާ ލެބަށް ބޭނުންވާ ބައެއް މުހިއްމު ވަސީލަތްތައް ދިރާގުން ހަދިޔާކޮށްފި އެވެ.

ދިރާގުން ވަނީ ކުޑަކުދީންގެ ހިޔާ އަށް ބޭނުންވާ 23 ކޮމްޕިއުޓާ ޑެސްކާއި ފަސް ކޮމްޕިއުޓާ ސިސްޓަމްގެ އިތުރުން 100އެމްގެ ދިރާގު ފައިބާ އިންޓަނެޓް ކަނެކްޝަން ފޯރުކޮށްދީފަ އެވެ. އޭގެ އިތުރުން ދިރާގު ޓީވީ ކަނެކްޝަންވެސް އެތަނަށް ފޯރުކޮށްދީފައިވާނެ ކަމަށް ދިރާގުން ވަަނީ ބުނެފަ އެވެ.

ދިރާގުން ބުނީ ކުޑަކުދިންގެ ހިޔާގެ މެނޭޖްމެންޓްގެ އެދުމުގެ މަތީން ދެ ލެބަށް ބޭނުންވާ ބައެއް މަރާމާތުކުރުމުގެ މަސައްކަތުގައިވެސް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވީ ދިރާގުން ވޭތުވެ ދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ނުހަނު އިހުލާސްތެރިކަމާއެކު ފާހަގަކުރާ ކަަމަށެވެ. އެތަނުގެ ކުދީންގެ ކިޔެވުމާއި މުނިފޫހިފިލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީވެސް ވަރަށް މުހިއްމު ވަސީލަތެއް ކަމުގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ކުޑަކުދިންގެ ހިޔާގައި މީގެ ކުރީން ވަނީ ދިރާގު ޓީވީގެ ހަތް ކަނެކްޝަން އެއް ހަދިޔާކޮށްފައެވެ. އެއީ އެކި ފަންގިފިލާތަކަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަދިޔާކޮށްފައިވާ ހިދުމަތެކެވެ.

ދިރާގުން އެންމެ ފުރަތަމަ ކޮމްޕިއުޓަ ލެބް ކުޑަކުދިންގެ ހިޔާގައި ގާއިމުކުރުމަށް އެހީތެރިވެފައިވަނީ 2013 ވަނަ އަހަރުއެވެ. ހަމަ އެއަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއުމުކޮށްދީފައިއެވެ. އޭގެ އިތުރުން ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓްގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ހަތަރު ކްލާސްރޫމެއްގައި ގާއިމުކޮށްފަ އެވެ.

comment ކޮމެންޓް