ވިންދޭ ތިއީ ...

އަޑު އަހަން ހުރިއިރު، އައިވަންގެ ހިތް ފުނޑުފުނޑު ވަނީ އެވެ. ކެތް ކުރަން އުނދަގޫ ވިއެވެ. އަނަމްގެ ހަށިގަނޑުގައި ދެއަތް ވަށައިލެވުނުއިރު، ހުދު އޭނައަށް ވެސް ރޮވިއްޖެ އެވެ.

********

"އެ ދުވަހުގެ ފަހުން، އެންމެ ފަހަރަކުވެސް އަހަރެން ކޮބައިތޯ ބަލައިލިންތަ؟... އަހަރެން އުޅުނު ހާލު، ކުޑަކޮށްވެސް ވަޒަންކޮށްލާކަށް ނޭނގޭނެ... އޭރު އެ ހުރިހާ ކަމަކާ ކުރިމަތިލެވުނީ ހިތުގަ އޮތް އުއްމީދެއްގެ ބޮޑު ކަމުން... އެކަމަކު މިހާރު... ހުރިހާ އުއްމީދެއް ގެއްލިއްޖެ... ދެން ހިތަށް އަރާ ދުވަހަކުވެސް ކަމަކަށް އުއްމީދެއް ނުކުރާނަމޭ..." އައިވަންގެ މޭގައި މަޑުމަޑުން ޖަހައިލަމުން އަނަމް ޝަކުވާ ކުރަން ފެށި އެވެ.

އަނަމްއަށް މާގިނައިރަކު އެގޮތުގައި ނުހުރެވުނެވެ. އައިވަންގެ މޭގައި އަތް އަޅައި ކޮއްޕައިލަމުން، ގަދަކަމުން ކަހަލަ ގޮތަކަށް ދުރަށްޖެހިލައިފި އެވެ.

"އަހަރެން ކުރިމަތީ މިހާރު ތިހުރީ މުޅިން އެހެން މީހެއް..." އަނަމްގެ ޖުމްލައިން އައިވަން ސިހޭގޮތް ވިއެވެ.

"އަހަރެން ދަންނަ މީހަކު ތިހާ ބޮޑަށް ބަދަލެއް ނުވާނެ... ދެރައީ، އަދިވެސް އަހަރެންގެ ހިތް ބަދަލު ނުވާތީ... ހިތަށް އަރާ އަހަރެން ވެސް ތިހާ އަމިއްލަ އެދުން ބޮޑުވާނެ ނަމައޭ..." އަނަމް އޭނާގެ މޫނު މައްޗަށް އުފުލައިލި އެވެ. ފުންކޮށް ދެތިން ނޭވާ ލާފައި އަނެއްކާވެސް އައިވަންއަށް ނަޒަރު ހުއްޓާލައިފި އެވެ.

ދެ ޖީބަށް އަތް ޖަހާލިގޮތަށް އައިވަން ހުރީ، އިސްޖަހާލައިގެންނެވެ. އަނަމްގެ ޖުމުލަތައް ވިހަ ތީރުތަކެއް ފަދައިން އޭނަގެ މެޔަށް ހެރެމުން ދަނީ އެވެ. ޙަޤީޤަތް ހާމަކުރަން ކިތަންމެ ބޭނުންވި ނަމަވެސް، އޭނަ އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ބައްޕައެއްގެ ގޯސް ވާހަކަ ދަރިއެއްގެ ކައިރީގައި ދެއްކުމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ.

"އެންމެ ރަނގަޅު.... އަހަރެން ހިނގައިދާނަން... އެކަމަކު އެންމެފަހު ކަމެއްގެ ގޮތުންވެސް އަހަރެން ދާނީ އައިވަން ތި ބޭނުންވާ ކަންތައް ފުރިހަމަ ކޮށްދީފަ... އެކަމުގެ ތެރޭގަ އަހަންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް، އަހަރެންގެ ފަރުވާލެއް ނެތް..." އައިވަން އެއްޗެއް ނުބުނުމުން، އަނަމްގެ ކެތްތެރިކަން ކޮޅުންލި އެވެ.

ނުރޯން އުޅުނަސް، އެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދަނީ އެވެ. އައިވަންއަށް ހިންދިރުވައިލެވުނެވެ. އަނަމް ސީދާ އޭނަގެ ނަމުން މުޙާތަބު ކުރި އެއީ ފުރަތަމަ ފަހަރެވެ. އެ ދުރުކަން ބަރުދާސްތު ކުރެވޭ ވަރަށްވުރެ އޭނަގެ ހިތް ބައްޔެވެ.

"ބުނޭ... އަހަރެންގެ ހިތް ބަދަލު ނުވަނީސް، ކުރަންވީ ކަމެއް ބުނޭ..." އަނަމްގެ ރާގު ބަދަލު ވިއެވެ. އަޑު ބާރުވި އިރު، އަމުރުވެރިގޮތެއް ހުއްޓެވެ. "މި އިމާރާތުގެ މަތިން ފުންމާލަންވީތަ؟... އަތުގަ ކަޓަރު އަޅަންވީތަ؟... ނޫނީ ބޭސްތަކެއް ކާންވީތަ؟..." އަނަމްގެ ހަމަހޭވެރިކަން ވަނީ ގެއްލިފަ އެވެ. ކިޔޭ ނުކިޔޭ އެއްޗެއް ވެސް އޭނައަށް ރަނގަޅަށް ނޭނގެ އެވެ.

"އަނަމް!..." އައިވަން ތަންކޮޅެއް ބާރަށް ގޮވައިލި އެވެ. އެވަރުންވެސް އަނަމް ހުއްޓައެއް ނުލި އެވެ.

އައިވަން ކުރިއަށް ޖެހިލުމާއިއެކު، އަނަމް ޖެހިލީ ފަހަތަށެވެ. ދެއަތުން ކަރުނަތައް ފޮހެމުން ދިޔަގޮތުން، އައިވަންގެ ހިތަށް ތަދުވި އެވެ. ޙަޤީޤަތް ހާމަކުރަން އޭނަ އެތައް މަސައްކަތެއް ކުރި އެވެ. އެ ފުރުސަތު ނުދިނީ އަނަމް އެވެ. ލިބިފައިވާ ހިތާމައިގައި އޭނަގެ ސިކުނޑި ވަނީ ރަނގަޅަށް މަސައްކަތް ކުރުން ހުއްޓައިލާފަ އެވެ.

"ހާސްނުވޭ... ތި ބޭނުންވާ ކަންތައް ކޮށްދޭނަމޭ... އައިވަންއަކަށް ޒިންމާ ނަގާކަށްވެސް ނުޖެ..." އަނަމްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް، އައިވަން ގޮސް އޭނަގެ ދެކޮނޑުގައި ހިފައި ތަޅުވައިގެންފި އެވެ.

"ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟.... އަހަރެން ޤަބޫލު ކުރަން އަހަންނަނީ ގޯސް މީހެއް ކަން... އެކަމަކު އަހަންނަކީ މީ ތި ހީކުރާހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނޭ... މި ދައްކާ ވާހަކަ އަޑު އަހާބަލަ... ކޮންމެ ކަމެއްގެ ފަހަތުގަ ވެސް ސަބަބުތަކެއް އޮންނާނެ... އަހަންނަށް އިތުބާރު ކުރަންތަ؟..." ކިތަންމެ ބާރަށް ވާހަކަ ދައްކަން ފެށި ނަމަވެސް ފަހު ޖުމުލަ އާއިއެކު އައިވަންގެ އަޑު މަޑުވެއްޖެ އެވެ.

އަނަމް ވަގުތުން އައިވަންގެ އަތް ފޮޅުވައިލި އެވެ. އައިވަން ކުރިއަށް ޖެހިލުމުންވެސް އޭނަ ޖެހިލަނީ ދުރަށެވެ. ކޮންމެ އިންސާނަކަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. އައިވަންގެ ކެތްތެރިކަން ކޮޅުންލި އެވެ. ކުއްލިއަކަށް ގޮސް އަނަމްގެ ދެކޮނޑުގައި ހިފަހައްޓައިލި ގޮތުން އަނަމް ދިޔައީ ސިއްސައިގެންނެވެ. އެސްފިޔަ ޖަހާލާހައި މަދު ވަގުތުކޮޅެއްގެ ތެރޭގައި އައިވަން އޭނަ ގެންގޮސް ފާރުގައި ޖައްސައި ބާރުކޮށްލައިފި އެވެ.

އަނަމްގެ ދެލޯ ވަނީ ބޮޑުވެފަ އެވެ. ބިރުން ގޮސް ނޭވާ ލާންވެސް އޭނަ ހަނދާން ނެތުނެވެ. އައިވަންގެ ހަރަކާތްތައް އަވަސްކަމުން، އޭނަގެ މޭގަނޑު ހީވަނީ އަނގަޔަށް އަންނަން އުޅޭހެންނެވެ.

"ކުރަން މިއުޅޭ ކަންތަކުގަ އަހަރެން ކުށްވެރި ނުކުރާތި!..."

އައިވަންގެ ޖުމުލަ ނިމުނުއިރު، އަނަމްގެ ބޮލުގެ ފުއްކިބައިގައި ހިފައި ކައިރިއަށް ދަމާލައިފި އެވެ. ވިސްނައިލާނޭ ފުރުސަތެއް ވެސް އަނަމްއަކަށް ނުލިބުނެވެ. އޭނަގެ ތުންފަތް ގޮސް ޖެހުނީ އައިވަންގެ ތުންފަތުގަ އެވެ. އަނަމް ތެޅިގަތެވެ. އައިވަންގެ މޭގައި އަތް އަޅައި ކޮއްޕައިލަން އުޅުނެވެ. އެކަމަކު، އައިވަން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

އިހުސާސް ކުރެވެމުންދިޔަ އައިވަންގެ ތުންފަތުގެ ބީހުންތަކުން އަނަމްގެ މުޅި ހަށިގަނޑު ގަނޑުވެއްޖެ އެވެ. އެއީ ދުވަހަކު އޭނަ ތަޖުރިބާކޮށްފައިވާ އިހުސާސްތަކެއް ނޫނެވެ. ފިރިއެއްގެ ފަރާތުން ލިބެން ބޭނުންވި އެ އުފާ، އޭނަގެ އަތުން ނިގުޅައި އެގަނެވެނީ، ކޮންފަދަ ނިކަމެތި ގޮތަކަށް ހެއްޔެވެ؟ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އަނަމްގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓައިލި އެވެ. ހަމަހޭވެރިކަން ވުމާއިއެކު، އޭނަ ތެޅިގެންފި އެވެ. އައިވަންގެ މޭގައި އަތް އަޅައި ދުރަށް ކޮއްޕައިލަން އުޅުނެވެ. އެކަމަކު އައިވަން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ދުރަށްޖެހިލަން ނޫޅުނު ތަނުގައި އެ ކުރަމުން ދިޔަ ކަންތައް ހުއްޓައެއް ވެސް ނުލި އެވެ.

ނޭވާ ކޮޅަށް ދިޔުމުން އައިވަން މަޑުމަޑުން ދުރަށްޖެހިލައިފި އެވެ. އޭރު އޭނައަށް މާނޭވާ ލެވެ އެވެ. އަދިވެސް ހިތް ފުރޭވަރު ނުވާކަން މޫނުމަތީގެ އަސަރުތަކުން ހެކި ދިނެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟ އައިވަން އެގޮތަށް ކަންތައް ކުރީ އަނަމް ހުއްޓުވަން ހެއްޔެވެ؟ ނޫނީ އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް އޭނައަށް ބާރު ނުފޯރުވުނީ ހެއްޔެވެ؟

ކުރެވުނު ކަންތައް އިހުސާސްވުމުން، އައިވަންގެ އަނގައިން ނުކުތީ ވޭނީ އާޚެއްގެ އަޑެވެ. އެއީ އޭނަ ދުވަހަކުވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ. ވަކީން ޚާއްސަކޮށް، އަނަމް ފަދަ ނާޒުކު އަންހެން ކުއްޖަކަށެވެ. އެކަމަކު އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް އޭނައަށް ބާރު ނުފޯރުވުނީ އެވެ. އައިވަން ކުށްވެރިއެއް ހެން އިސްޖަހާލައިފި އެވެ. މަޢާފަށް އެދެން ބޭނުންވި ނަމަވެސް އެ ހިއްވަރެއް ނުލިބުނެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި އޭނަ އެތަނުން ދިޔައީ، އަމިއްލަ ނަފުސުގެ މައްޗަށް އޮތް އިތުބާރު ގެއްލުމުންނެވެ.

ފާރުގައި ކޭއްތެމުން ކަހަލަ ގޮތަކަށް އަނަމް ތިރިވިއެވެ. މޫނުގައި ދެއަތް އެޅުމާއިއެކު، މުޅި ތަނުގައި ގުގުމައިލީ، އޭނަގެ ވޭނީ ރުއިމުގެ އަޑެވެ.

********

މޫސަ އިން ތަހުގީގު ހޯލުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއިން ރެކޯޑުވަމުންދިޔަ މަންޒަރު ބަލަން މީހަކު ހުއްޓެވެ. އެމީހާގެ ނަޒަރު، ގަބުވެފައި އިން މޫސައަށް ހުއްޓިފައިވާތާ އިރުކޮޅެއް ވެއްޖެ އެވެ. އެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވީ، މޭޒުމަތީގައި އިން ފެންފުޅިއަށް ނަޒަރު ހުއްޓުމުންނެވެ. ފުޅީގެ މަތި ނަގައި، ޖީބުން ނެގި ބޭސްގުޅަ އޭގެ ތެެރެއަށް ވައްޓައިލިއިރު، އެ މޫނުން ފެންނަމުން ދިޔައީ ނުރައްކާތެރި ވިދުވަރެކެވެ.

އެމީހާ ބޭރަށް ނުކުމެ އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު، އެދިމާއަށް އައި މީހެއްގެ ގައިގައި، ލައިގަނެފި އެވެ. ފެންފުޅި ވެއްޓި، އޭގެ އެއްބައި ބަންޑުން ވިއެވެ.

"ސޮރީ ސޮރީ..." ވެއްޓިފައި އޮތް ފުޅި ނަގަން ގުދުވެލަމުން ހުދާ ބުންޏެވެ.

ކައިރީގައި ހުރި މީހަކަށް އެ ފުޅި ދިއްކޮށްލުމުގެ ކުރިން ހުދާ އެފުޅިއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ޝައްކު ކުރެވޭ ކިތަންމެ ކަމެއް އޭނައަށް ފެނުނެވެ. ފުޅި ދަމައިގަނެގެން އެމީހާ އަވަހަށް އެތަނުން ދިޔަ އެވެ. ހުދާ ހަލުވި ފިޔަވަޅުތަކެއްގައި ފުލުހުންގެ އިދާރާއިން ނުކުމެގެން ގޮސް، ކުރިމަތީގައި ޕާކުކޮށްފައި އޮތް ބަހަށް އެރި އެވެ. އޭގެ ތެރޭގައި އައިވަން އާއި އަޒާންގެ އިތުރުން ފައްޔާޒު އިނެވެ.

"މައި ގޯޑް..." ހުދާ ހުރީ މޭގައި އަތް ޖައްސާލައިގެންނެވެ. އަދިވެސް އޭނާގެ ނޭވާ ހަމައަކަށް ނޭޅެ އެވެ.

"އައިވަންއަށް ހީވީ ރަނގަޅަށް... މިކަންތައްގަނޑުގެ ތެރޭގަ މިތާ ފުލުހުންގެ ތެރެއިންވެސް މީހަކު ނޫނީ ބަޔަކު އެބަ ހިމެނޭ..." ހުދާ ހާސްވެފައި ބުންޏެވެ.

އެންމެންގެ މޫނުމަތިން ހައިރާންކަން ފެނުނު ނަމަވެސް، އައިވަންގެ މޫނުން އެ އަސަރެއް ނުފެނުނެވެ. އޭނައަށް މާ ކުރިންވެސް އެކަން ޔަޤީންވެފައިވާ ކަހަލަ އެވެ.

"ސަރއަށް ކިހިނެއް އެނގުނީ؟..." އަޒާން އަހައިލި އެވެ.

އައިވަންގެ ހަނދާނަށް އައީ، މޫސަ އޭނަގެ އަތަށް ކަރުދާސްކޮޅު ލައިދިން ވަގުތު އުޅުނު ގޮތެވެ. ކެމެރާއަށް ނުފެންނާނޭހެން ސިއްރުން ޙަވާލުކުރި އެ ކަރުދާސްކޮޅުގައި، މީހެއްގެ ނަމަކާއި އެޑްރެހެއް ޖަހާފައި އޮތެވެ. ނުސީދާ ގޮތަކަށް މޫސަ އެ އެދުނީ އެމީހަކާއި ބައްދަލު ކުރުމަށެވެ. ނުވަތަ އެއީ އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރި މީހާ އެވެ. ފުލުހުންގެ އިދާރާގެ ތެރޭގައި މޫސަ އެހާ ސިއްރުވެރިވާންޖެހޭ ސަބަބެއްގެ ގޮތުގައި އައިވަންއަށް ވިސްނުނީ ފުލުހެއް ނުވަތަ ފުލުހުންގެ ތެރެއިން ބަޔަކު ވެސް އެކަމުގެ ތެރޭގައި ނުސީދާ ގޮތަކަށް ހަރަކާތްތެރިވަމުންދާ ކަމެވެ.

"ލޯ، ސިކުނޑި، މި ގުނަވަންތައް ދެއްވާފަ ވަނީ ކޮންމެސް ކަމަކު..." އައިވަން ދިނީ ނުސީދާ ޖަވާބެކެވެ.

"ދެން ކިހިނެއް ހަދާނީ؟... އިންވެސްޓިގޭޝަން ގެންދަން ކިހާ އުނދަގޫވާނެ މިވީގޮތުން..." ފައްޔާޒު ހާސްވެފައި ބުންޏެވެ.

"އެކަކަށްވެސް އިތުބާރު ނުކުރަންވީ..." އައިވަން އެދުނެވެ. "އަޒާން!... ރާވިންގެ ފިންގަރޕްރިންޓް އެކޮޅަށް ފޮނުވައިފިން؟..."

"ލައްބަ... އަދި އެކޮޅުން ޚަބަރެއް ނުވޭ..." އަޒާން އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފަ އެވެ.

"ރަނގަޅު... އެ ހަށިގަނޑަކީ ރާވިންގެ ހަށިގަނޑުކަން ޔަޤީން ކުރެވުނީމަ ނޫނީ ދެން އަހަރެމެންނަށް އިތުރަށް ތަޙުޤީޤު ކުރިއަކަށް ނުގެންދެވޭނެ... ފައްޔާޒު!... ރޭގަ މޫސަ ފެނުނު ސަރަހައްދު ބަލާ ފާސްކުރޭ... އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތައްވެސް ބަލަންވާނެ..." ކަންތައް ކުރަންވީ ގޮތް ކިޔައިދީފައި އައިވަން ބަހުން ފޭބި އެވެ.

"އައިވަން!... މަޑުކޮށްބަލަ..." އައިވަންގެ ފަހަތުން ހިނގައިގަންނަމުން ހުދާ ބުންޏެވެ.

އައިވަން ހުއްޓުނު ނަމަވެސް، ހުދާ އާއި ދިމާއަށް ބަލައެއް ނުލި އެވެ.

"އެރޭ، ރޫމްގަ، އަހަރެމެން..." ހުއްޓަމުން ކަަހަލަ ގޮތަކަށް، ހުދާއަށް ބުނެވުނީ އެހިސާބަށެވެ.

"ތި މައުޟޫޢު ކުރިޔަށް ނުގެންދިޔެއްޔާ ވަރަށް ރަނގަޅު... އަހަރެން މިހާރު އެކަން ހަނދާން ނައްތާލައިފިން... ހުދާވެސް ދެން އެކަން ހަނދާން ނައްތާލާ!..." އައިވަން ހުރީ ރުންކުރުވާގޮތް ވެފަ އެވެ.

ހުދާގެ ހިތް ފޮތިފޮތިވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އައިވަންގެ ފަރާތުން އެހާ ފަރުވާކުޑަ ޖަވާބެއް ލިބިދާނޭ ކަމަށް އޭނަ ފަހަރެއްގައި ވެސް ހިއެއް ނުކުރެ އެވެ.

********

އައިވަން ގެއަށް ދިޔައީ އަނަމްއަށް މީރުވާނެހެން ހީވާ ކަހަލަ މޭވާކޮޅެއް ގަނެގެންނެވެ. ކުރެވުނު ކަންތަކާއި ލަދުގަތް ނަމަވެސް، އޭނަ ނިންމީ، އެކަމާއި ކުރިމަތިލާށެވެ. މަޢާފަށް އެދި އާދޭސްކުރަން ޖެހުނު ނަމަވެސް، އެކަމެއްވެސް ކުރާށެވެ.

ގޭތެރެއިން އަނަމް ފެންނާކަށް ނެތެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހާލަން އުޅެފައިވެސް އައިވަންއަށް އެކަން ކުރާކަށް ނުކެރުނެވެ. އެނބުރި ދާން ހިނގައިގަތް ވަގުތު، ކޮޓަރި ތެރެއިން އަނަމްގެ ގިސްލުމުގެ އަޑު އިވުނެވެ. ޓަކި ޖަހައިލުމަށްފަހު، އައިވަން މަޑުމަޑުން ދޮރު ހުޅުވައިލި އެވެ. ބޭރުގައި ހުރެފައި އެތެރެ ބަލައިލިއިރު، އަނަމް އޮތީ ބަންޑުންވާހެން އެނދުގައި އޮށޯވެލައިގެންނެވެ.

އައިވަން ގޮސް ކައިރީގައި އިށީނުމުން، އަނަމް ތެދުވެ ބަލައިލި އެވެ. އައިވަން ފެނުމުން، ތުން ފިއްތާލާފައި ކުރިއަށްވުރެ ބާރަށް ރޯން ފެށި އެވެ.

"މިތަނުން ދޭ، އަހަރެން ނޫޅެން ވާހަކަ ދައްކާކަށްވެސް..." ކުޑަ ކުއްޖެއްހެން ބޮޑާ ހާކައިލަމުން އަނަމް ވާހަކަ ދެއްކި އެވެ.

"ސޮރީ!..." އައިވަން ބުންޏެވެ.

"ނުކުރާނަން މާފެއް..." އަނަމް އޭނަގެ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.

"އޯކޭ... އެކަމަކު މި ކާލައްޗޭ..." އައިވަން ބުންޏެވެ. "މީ އަނަމްއަށް ގެނައި ފުރުޓްސް ކޮޅެއް... ތީގަ އޮންނާނެ އަތައެއް ވެސް..."

ފުރުޓު ކޮތަޅު އެނދުމަތީގައި ބާއްވާފައި އައިވަން ތެދުވި އެވެ.

"ނުކާނަން..." އަނަމް އެ ކޮތަޅު ނަގައި އެއްލައިލަން އުޅުނެވެ.

އައިވަންއަށް އޭގައި ހިފޭއްޓުނީ ކިރިޔާ އެވެ.

"އޯކޭ... އަނަމް ބޭނުންވަނީ ޙަޤީޤަތް އެނގޭކަށްނު ދޯ..." އައިވަން އެހެން ބުނުމާއިއެކު އަނަމް ހިމޭން ވިއެވެ.

"އޭގެ ކުރިން އަހަރެން ސުވާލެއް ކޮއްލާނަން... ހުރިހާ ކަމެއް އެނގުނީމަ، އެ ކަންކަމާ ފޭސްކުރާނެ ހިއްވަރު އަނަމްގެ ގައިގަ އެބަ ހުރިތަ؟..." އައިވަން އަހައިލި އެވެ.

ދެ ފިކުރެއްގައި އިނދެފައި އަނަމް ބޯ ޖަހައިލި އެވެ.

"އާއިލާގެ ކަމަކަސް، ގާތް މީހެއްގެ ކަމަކަސް، އޯކޭތަ؟..." އައިވަން ބޭނުންވީ އިތުރު ޔަޤީންކަމެއް ހޯދާށެވެ.

އަނަމް ބޯ ޖަހައިލުމުން، އައިވަންއަށް އެ މައުޟޫއު އާއި ބެހޭގޮތުން ވާހަކަ ދައްކަން އިތުރު ހިއްވަރެއް ލިބިގެން ދިޔަ އެވެ.

"އަނަމްގެ ބައްޕަ އަކީ، ތި ހީކުރާހާ މާތް މީހެއް ނޫން..." އެއްވެސް ފޮރުވުމެއްނެތި އައިވަން އެ ހާމަކުރީ ޙަޤީޤަތެވެ.

(ނުނިމޭ)

comment ކޮމެންޓް