59000 ފަތުރުވެރިންނާ އެކު އާ އުންމީދެއް!

ޖުލައި 15، 2020: ބޯޑަރު ހުޅުވި ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑު19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 59،105 އަށް އަރައިފި އެވެ. އަދި ފަތުރުވެރިކަމުގެ އެހެން ނަމްބަރުތަކުން އުންމީދު ވަނީ އާވާން ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބަށް ބަލާއިރު އިއްޔެގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާ އިންނެވެ. ރަޝިއާ އިން 12,961 ފަތުރުވެރިން އައިސްފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އިންނެވެ. އެ ގައުމުން 5,449 ފަތުރުވެރިން އައިސްފައިވާއިރު އިނގިރޭސިވިލާތުން 4,745 ފަތުރުވެރިން އައިސްފައިވެ އެވެ.

ރަޝިއާ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވަމުންދާއިރު ރަޝިއާ އާއި ރާއްޖެ އާއި ދެމެދު އިތުރު އެއާލައިންތަކުން ވަނީ ދަތުރު ފަށަން ތައްޔާރުވެފަ އެވެ. މީގެ އިތުރުން ރަޝިއާގެ ފްލެގް ކެރިއާ، އޭރޯފްލޯޓުން ރާއްޖެއަށް ކުރާ ދަތުުރުތައްވެސް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ އަކީ ބޯޑަރު ބަންދުކުރުމާއި ހަމައަށްވެސް ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާއިރު އިންޑިއާގެ ހަތަރު އެއާލައިނަކުން މިހާރުވެސް ރާއްޖެއަށް ދަތުރު ކުރެ އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް 441,952 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މި ނޮވެމްބަރު މަހުގެ އެކަކުން 18 ގެ ނިޔަލަށް 18,723 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

ބޯޑަރު ބަންދުކުރުމުގެ ކުރިން އެވްރެޖުކޮށް ފަތުރުވެރިން ރާއްޖޭގައި 7.6 ދުވަސް ހޭދަކުރި ނަމަވެސް ކޮވިޑުގެ މިހާލަތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ވަނީ 10.3 އަށް އިތުރުވެފަ އެވެ.

މިވަގުތު ރާއްޖޭގެ ޓޮޕް ފަސް މާކެޓުގެ ތެރޭ ހިމެނެނީ ރަޝިއާ، އިންޑިއާ އަދި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ އާއި ޔޫއޭއީ އެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 16 އިންޓަނޭޝަނަލް އެއާލައިނަކުން މިވަގުތު ރާއްޖެއަށް ދަތުރު ކުރެއެވެ. ކުރިއަށް އޮތްދުވަސްތަކުގައި އިތުރު 10 އެއާލައިނަކުން ދަތުރު ފަށަން ވަނީ ތައްޔާރުވެފަ އެވެ.

comment ކޮމެންޓް