ފަސް މަސް ދުވަހުގެ ތެރޭ ރާއްޖެއަށް ވެކްސިން ލިބުމުގެ އުންމީދު އެބަ އޮތް: ރައީސް

ކޮވިޑް ވެކްސިން--

ގިނަވެގެން ފަސް މަސް ދުވަހުގެ ތެރޭގައި ކޮވިޑް19 ވެކްސިން ރާއްޖެއަށް ލިބުމުގެ އުންމީދު އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ގިނަ އުނދަގޫތަކާއި ދަތިތައް ދިމާވެފައިވާ ކަމަށެވެ.

އަދި ވެކްސިން ލިބޭ ހިސާބުން، އެ ދަތިތައް ހައްލުވާން ފަށައި އުންމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް އިގްތިސޯދު ކުރިއަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި، ކޯވިޑުގެ ވެކްސިނެއް ރާއްޖެއާ ހިސާބަށްވެސް ލިބުމުގެ އުންމީދު އެބައޮތް. އެހިސާބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް، ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދަތި ވަގުތުގައި ސަރުކާރުން ދެމުންގެންދާ ލުއިތަކާއެކު، ރައްޔިތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކުރިއަށްދާނަމަ އުންމީދު ރަނގަޅު ކަމަށެވެ.

ކޮވިޑް19އާ ދެކޮޅަށް އުފައްދާ ބައެއް ވެކްސިންތައް ކާމިޔާބުވެ، މިހާރު ވަނީ ބާޒާރަށް ނުކުތުމުގެ މަރުހަލާގައެވެ.

އެވެކްސިންތަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުރަތަމަ ދޭނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ދޮށީ އުމުރުގެ މީހުންނާއި ތަފާތު ބަލިތަކުގައި އުޅޭ ހައިރިސްކް މީހުންނަށް ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް