ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ނިންމައިފި

އޮކްޓޯބަރ 31، 2018: ގާޒީ އާދަމް އާރިފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓް ކުރިން ހިންގުމާއި ހަވާލުވެ ހުންނެވި އަދި ފަހުން ޑްރަގް ކޯޓަށް ބަދަލުކުރި ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން އިސްނަގައިގެން ބެލި ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއިން ހާމައެއް ނުކުރެ އެވެ. ޖޭއެސްސީއިން ބުނި ގޮތުގައި އެއީ 24 އޭޕްރިލް 2019ގައި ބަލަން ފެށި މައްސަލައެކެވެ. އަދި އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 87 ވަނަ ބައްދަލުވުމުގަ އެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް އެހެން ކޯޓަކަށް ބަދަލުކުރުމުން ކުރިމިނަލް ކޯޓުގެ ހިންގުން ހަވާލު ކުރީ އާދަމް އާރިފާ އެވެ. އޭނާ އިސް ގާޒީ ކަމުން ވަކި ކުރީ އެކެއް ފެބްރުއަރީގެ އަމުރަށް ފަހު އެވެ.

އޭނާ ކްރިމިނަލް ކޯޓުން ޑްރަގް ކޯޓަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މިދިޔަ ދައުރުގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ބައެއް ސިޔާސީ މީހުންގެ ބޮޑެތި މައްސަލަތައް އާދަމް އާރިފް ބެއްލެވި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނިކޮށް ޖަލު ހުކުމް އިއްވެވީ އޭނާ އެވެ.

comment ކޮމެންޓް