އުތުރާއި ދެކުނުގެ ޓޫރިޒަމްގެ ބިމުގެ ކުލި ބޮޑުތަކުން ކުޑަކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ: ގެސްޓް ހައުސް ވިޔަފާރީގައި ތޮއްޑޫއަކީ މަޝްހޫރު ރަށެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އުތުރާއި ދެކުނުގެ ޓޫރިޒަމްގެ ބިމު ކުލި ބޮޑުތަނުން ކުޑަކުރަން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ފުރަތަމަ ކިޔުން އިއްވި އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމެވެ.

އާޒިމް ހުށަހެޅުވި ބިލުގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގެ ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުއްޔަށް ބަދަލު ގެންނަން ހިމަނާފައިވެ އެވެ. މީގެ ކުރިން ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ބިމު ކުލީގެ ގޮތުގައި ނަގަނީ އެއް އަގުތަކެކެވެ.

މިހާރު ހުށަހެޅި ބިލުގައިވާ ގޮތުން، އައްޑޫ އާއި ފުވައްމުލަކުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް ނަގާނީ އަހަރަކު ދެ ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު ބޮޑުވެގެން 400،000 ޑޮލަރެވެ. ހަތަރު ލައްކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކަށް ބޮޑުވެގެން 800،000 ޑޮލަރުގެ ކުއްޔެކެވެ.

ހއ. އަދި ހދ އަތޮޅުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރަކު އަށް ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު 750،000 ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު އެއް މިލިއަން ޑޮލަރެވެ.

ށ. ތ، ލ، ގއ. އަދި ގދ އަތޮޅުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރު ހަ ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އެންމެ ބޮޑުވެގެން ނަގާނީ އަހަރަކުު 1.3 މިލިއަން ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު ނަގާނީ 1.5 މިލިއަން ޑޮލަރުގެ ކުއްޔެކެވެ.

މާލެ ސަރަހައްދު ހިމެނޭ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، އަދި ދ ކުލި ނަގަން ބިލުގައި ހިމަނާފައިވަނީ މިހާރުވެސް ނަގާ އަދަދަށެވެ. އެގޮތުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރަކު އަށް ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކުން އެންމެ ބޮޑުވެގެން އަހަރަކުު ނެގޭނީ 1.5 މިލިއަން ޑޮލަރުގެ ކުއްޔެކެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު ދެ މިލިއަން ޑޮލަރެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ ބިންތައް:

ބިލުގައިވާ ގޮތުން، އައްޑޫ އަދި ފުވައްމުލަކުގައި ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރަކު ނަގާނީ ދެ ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް ބޮޑުވެގެން އަހަރަކުު 200،000 ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު 400،000 ޑޮލަރެވެ.

ހއ. އަދި ހދ އަތޮޅުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރު ދެ ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު 375،000 ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު 500،000 މިލިއަން ޑޮލަރެވެ.

ށ. ތ، ލ، ގއ. އަދި ގދ އަތޮޅުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރު ތިން ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު 562،500 މިލިއަން ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު 1.5 މިލިއަން ޑޮލަރެވެ.

މާލެ ސަރަހައްދު ހިމެނޭ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، އަދި ދ ކުލި ނަގަން ބިލުގައި ހިމަނާފައިވަނީ ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރަކު ހަތަރު ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކުު 750،000 މިލިއަން ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު އެއް މިލިއަން ޑޮލަރެވެ.

ބިލުގައިވާ ގޮތުން ކުލީގެ އަދަދަށް ބަދަލު އަންނަނީ އަންނަ އަހަރުން ފެށިގެންނެވެ.

comment ކޮމެންޓް