ހޯރަފުށި އެއާޕޯޓު ރައީސް ހުޅުއްވައި ދެއްވައިފި

ހޯރަފުށީ އެއާޕޯޓަށް ފްލައިޓު ޖައްސާފައި -- ފޮޓޯ: އެމްޓީސީސީ

ހއ. ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓު މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އެއާޕޯޓު ހުޅުވުމުގެ ކުރިން މި މަހުގެ 16 ވަނަ ދުވަހު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ވެސް ވަނީ ޖައްސައިފަ އެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވަން ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެއާޕޯޓު ހުޅުވުން މިއަދަށް ފަސްކުރީއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، އެއާޕޯޓު ހުޅުވާތާ ހަފްތާއެއްގެ ތެރޭގައި އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ.

އެގޮތުން މިމަހުގެ 26 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައި ވާއިރު، ހަފްތާއަކު ތިން ދަތުރު އެ ރަށަށް ކުރަން ހަމަޖެހިފައިވާކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ހޯރަފުށީގައި އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީ އާ ހަވާލުކޮށްގެންނެވެ. މިއީ މި ސަރުކާރުން ކުރިއަށް ގެންގޮސް، ނިންމައިލި ފުރަތަމަ ބޮޑު މަޝްރޫއެވެ.

އެ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ.

comment ކޮމެންޓް