ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަމް މިއަދު ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށަހަޅުއްވާފައިވާ އިރު އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އަކުރަމް ކޮމިޝަނުން ވަކިކުރަން ނިންމީ، އޭނާ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ އީސީގެ އަންހެން މުވައްޒަފުންތަކެއް މަޖިލީހަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ފަހު އެވެ.
އަކުރަމް އިސްތިއުފާ ދެއްވަމުން މިއަދު ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރަން ނިންމާފައިވާތީ އެ ކޮމިޓީގެ އިތުބާރެއް ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ގޮތުގައި ދެމި ހުރުމަކީ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ ކަމަށެވެ.
"ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއް ކަމާއި އެ މައްސަލައިގައި ތުހުމަތު ކުރެވިފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިންގާފައި ނުވާކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަމެވެ،" އަކުރަމް ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަކުރަމް އަދި ވިދާޅުވީ، އެކަން ހިނގައި ދިޔަގޮތުގެ ތަފްސީލީ މައުލޫމާތު ހެއްކާ އެކު އެ ކޮމިޓީއާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.
އަކުރަމް އީސީގެ މެންބަރުކަމަށް ދެވަނަ ފަހަރަށް އައްޔަން ކުރީ މިދިޔަ މާޗްމަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ މަޖިލީހުގެ 72 މެންބަރުންގެ ވޯޓާ އެކު އެވެ.
އަކުރަމް އަކީ އީސީގެ ތަރުޖަމާނުވެސްމެ އެވެ.