ފުލުހުންގެ މުވާސަލާތީ ވިއުގަ ހަރުދަނާކުރަން ޔޫއެންއޯޑީސީން ތަކެތި ދީފި

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ މުވާސަލާތީ ވިއުގަ ހަރުދަނާކުރަން އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ތަކެތި ހަދިޔާކޮށްފި އެވެ.

މިއަދުގެ އިސްކަންދަރުކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަކެތި ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓް އޮފިސަރު ޖޯޝުއާ އަރުތުރިއާ ގޮންޒާލެޒް އެވެ. އަދި އެތަކެއްޗާ ހަވާލުވެލެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހަމީދު ވިދާޅުވީ 2004 ވަނަ އަހަރު ފުލުހުންގެ މުވާސަލާތީ ވިއުގަ ގާއިމްކުރި ކަމަށާއި އެހެން ނަމަވެސް ޑިމާންޑާ އެއްވަރަށް ކޮމިއުނިކޭޝަންގެ ކަންތައްތަކާއި އެ ސިސްޓަމް މެއިންޓެއިން ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ފުލުހުންގެ ޓެކްނިކަލް ގާބިލްކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޔޫއެންއޯޑީސީއިން މީގެ ކުރިން ހަދިޔާ ކޮށްފައިވާ އެކިިިއެކި ކޮމިއުނިކޭޝަންގެ އާލާތްތަކާ އެކު ފުލުހުންގެ އެކި މަސައްކަތްތައް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް