ލަންކާ ޖަލަކުން ފިލަން އުޅެނިކޮށް ގައިދީއަކު މަރުވެއްޖެ، އެކަކު ފިލައިފި

ލަންކާގެ ނޫހެއްގައިވާ ގޮތުން ބޮގަމްބަރާ ޖަލުން މިހާތަނަށް 100އަށް ވުރެ ގިނަ ގައިދީންނަށް ވަނީ ކޮވިޑް ޖެހިފަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ނޮވެމްބަރު 18): ސްރީލަންކާގެ ކެންޑީގައި ހުންނަ ބޮގަމްބަރާ ޖަލުން ފިލަން އުޅުނު ފަސް ގައިދީންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ. އޭގެ ތެރެއިން ފިލުނީ އެންމެ ގައިދީއަކަށެވެ.

ލަންކާގެ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ތުޝަރާ އުޕުލްދެނިޔާ ވިދާޅުވި ގޮތުގައި ޖަލުން ފިލި މީހާ ހުރީ ކޮވިޑް ބަލިމަޑުކަމާ ހެދި ބޮގަމްބަރާ ޖަލުގައި ހަދާފައި ހުރި ވަގުތީ ކަރަންޓީނު ސެންޓަރެއްގަ އެވެ. އަދި އޭނާ އާއި އިތުރު ހަތަރު ގައިދީން ފިލަން އުޅުނީ ޖަލުގެ މައި އިމާރާތުގެ ފުރާޅު މައްޗަށް އެރުމަށް ފަހު އެވެ.

އެ ހާދިސާގައި އޭގެ ތެރެއިން އެކަކު މަރުވެ، ތިން މީހަކަށް އަނިޔާވުމުން އެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަސް ވަނަ މީހާ ވަނީ ޖަލުން ފިލާފަ އެވެ.

ކޮލަމްބޯ ޕޭޖުގައިވާ ގޮތުން ޖަލުން ފިލަން އުޅުމުގެ ތެރޭގައި ގައިދީއަކު މަރުވީ ފާރެއް މަތިން ވެއްޓުމުންނެވެ. ނަމަވެސް އެގައުމުގެ ނިއުސްވަޔާގައިވާ ގޮތުން އެ މީހާ މަރުވީ ސެކިއުރިޓީ އޮފިޝަލުން ބަޑި ޖެހުމުންނެވެ.

އުޕުލްދެނިޔާ ވިދާޅުވި ގޮތުގައި އެ ފަސް މީހުންނަކީވެސް މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ޖަލަށްލި މީހުންނެވެ. އަދި ޖަލުން ފިލި މީހާ ހޯދުމުގެ މަސައްކަތާއި އެ ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ނިއުސްވަޔާގައިވާ ގޮތުން ބޮގަމްބަރާ ޖަލުން މިހާތަނަށް 100އަށް ވުރެ ގިނަ ގައިދީން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް