ބެލްޖިއަމްގައި ކޮތަރެއް 1.9 މިލިއަން ޑޮލަރަށް ވިކިއްޖެ

ބެލްޖިއަމްގެ ނީލަމެއްގައި ކޮތަރެއް ވަނީ 1.9 މިލިއަން ޑޮލަރަށް ވިކިފަ -- ފޮޓޯ: ރޮއިޓާސް

ބްރަސެލްސް (ނޮވެމްބަރު 17): ބެލްޖިއަމްގެ ނީލަމެއްގައި ވިއްކި، އުދުހުމުގެ ރޭސްތަކުގައި ބައިވެރި ކުރާ ކޮތަރެއް 1.9 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

ނިއު ކިމް ނަމަކަށް ކިޔާ ދެ އަހަރުގެ އެ އަންހެން ކޮތަރު ވިއްކާލަން ނީލަން ފެށި އަގަކީ 238 ޑޮލަރެވެ. ނަމަވެސް 'ކޮތަރު ރޭސިން' ވަރަށް މަޝްހޫރުވެފައިވާ ޗައިނާއިން އެ ނީލަމުގައި ބައިވެރިވި ދެ މީހެއްގެ މެދުގައި ވާދަ ވެރިކަން ބޮޑުވެ، އެ ކޮތަރުގެ އަގު ރެކޯޑު މިންވަރަކަށް އެރި އެވެ.

އެ ކޮތަރު ވިއްކި ފަރާތް ކަމަށްވާ ކާޓް ވެން ޑެ ވޫވާ ވަނީ އޭގެ އަގު 1.9 މިލިއަން ޑޮލަރަށް އެރުމުން ހައިރާންކަން ފާޅުކޮށްފަ އެވެ. އަދި ނީލަން ކުރިއަށްގެންދިޔަ ކުންފުނިން ވަނީ އަންހެން ކޮތަރެއްގެ އަގު އެހާވަރަށް ބޮޑު ވުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ.

"މިއީ އަންހެން ކޮތަރަކަށް ވުމުން އޭގެ އަގު ރެކޯޑު މިންވަރަކަށް އެރުމަކީ އާދަޔާ ހިލާފު ކަމެއް. އަންހެން ކޮތަރަކަށް ވުރެ ގިނައިން ފިރިހެން ކޮތަރަކަށް ދަރިން ލިބޭނެތީ، އާއްމު ގޮތެއްގައި ފިރިހެން ކޮތަރު ބޮޑު އަގަކަށް ވިކޭނީ،" ނީލަން އިންތިޒާމު ކުރި ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.

ދެހާސްއަށާރަ ވަނަ އަހަރު ރޭސިން މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ ނިއު ކިމް ވަނީ މިހާރު ރިޓަޔާކޮށްފަ އެވެ.

މީގެ ކުރިން އެންމެ އަގު ބޮޑުކޮށް ވިކުނު ރޭސް ކުރާ ކޮތަރަކީ މިދިޔަ އަހަރު 1.5 މިލިއަން ޑޮލަރަށް ވިކުނު ފިރިހެން ކޮތަރެކެވެ. ގިނަ އަދަދެއްގެ ރޭސްތަކެއް ކާމިޔާބު ކުރި އާމަންޑޯ ނަމަކަށް ކިޔާ އެ ކޮތަރު މަޝްހޫރުވީ ފޯމިއުލާ ވަން ވޯލްޑް ޗެމްޕިއަން ލުއިސް ހެމިލްޓަންގެ ނަމުންނެވެ.

comment ކޮމެންޓް