މައިޒާނަކާއެކު ކަޅުވަކަރު މިސްކިތް އަލުން ހުޅުވައިިފި

އޮކްޓޫބަރ 18، 2020: ކަޅުވަކަރު މިސްކިތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަޅުވަކަރު މިސްކިތް އަލުން ރާވައި، ރަސްމީކޮށް އެ މިސްކިތް ހުޅުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ކަޅުވަކަރު މިސްކިތް އަލުން ހުޅުވާފައިވަނީ އެ މިސްކިތުގެ ވަށައިގެން މައިޒާނަކާއެކުއެވެ.

މިސްކިތް އަލުން ހުޅުވުމާ ގުޅިގެން މިއަދު މެންދުރުފަހު ދޭކުން ފެށިގެން އާންމުންނަށް މިސްކިތާއި މިސްކިތުގެ ވަށައިގެންވާ މައިޒާން ބޭނުންކުރެވޭނެ ކަމަށާއި މިސްކިތާއި މައިޒާންވެސް ކޮންމެ ދުވަހެއްގެ ފަތިހުފަހަކުން ރޭގަނޑު 21:00 އަށް ހުޅުވިފައި ހުންނާނެ ކަމަށް ހެރިޓޭޖު މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ވަނީ މިސްކިތާއި މަައިޒާން ބޭނުންކުރާއިރު ކޮވިޑު19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކަށް އަމަލު ކުރުމަށް އިސްތިލމާސް ކޮށްފައެވެ.

އަދި ކަޅުވަކަރު މިސްކިތަކީ އާސާރީ ތަރިކައެއް ކަމުން މިސްކިތަށް ހުރިމަތްތެރިކޮށް ހިތާ ގެއްލުން ނުލިބޭނެހެން މިސްކިތާއި މައިޒާން ބޭނުން ކުރުމަށް މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކަޅުވަކަރު މިސްކިތް ތަރައްގީކުރަނީ ގައުމީ ދާރުލްއާސާރުގެ އެއް އެގްޒިބިޓްގެ ގޮތުގައި އަދި ލިވިންގް ހެރިޓޭޖެއްގެ ގޮތުގައެެވެ. އެތަނުގައި ބަންގި ގޮވުމާއި ނަމާދުގެ ޖަމާއަތް ނުބޭއްވި ނަމަވެސް، ނަމާދުކުރަން ބޭނުން މީހަކަށް އެ މިސްކިތުގެ ވަޅުން ވުޟޫކުރުމާއި އެ މިސްކިތަށް އަރައި ނަމާދުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކަޅުވަކަރު މިސްކިތަކީ މާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭއިރު އެ މިސްކިތަކީ އެންމެ ގިނަ ސަރަހައްދުތަކަށް "ދަތުރު"ކޮށްފައިވާ މިސްކިތް ވެސް މެ އެވެ.

ކަޅުވަކަރު މިސްކިތަކީ ގާތްގަނޑަކަށް 200 އަހަރުގެ ދިގު ތާރީހެއް އޮތް މިސްކިތަކަށް ވާއިރު އެ މިސްކިތް ވަނީ އެކި ސަރުކާރުތަކުގައި އެކި ތަންތަނަށް ގެންގޮސްފަ އެވެ.

އެ މިސްކިތް ކުރިން ހުރީ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ވަނީ ނީލަން ކިޔައި ފުރަނަފުށީގައި ބަހައްޓައިފަ އެވެ.

ފުރަނަފުށީގައި އެ މިސްކިތް ބަހައްޓާފައި ހުއްޓައި، ރައީސް މައުމޫން އަބްދުލްގައްޔޫމު ވެރިކަމަށް އަރައިވަޑައިގެން 1980 ވަނަ އަހަރުގެ ފެބްރުއަރީގައި އެ މިސްކިތް އަލުން މާލެ ގެނެވުނެވެ. އެއަށް ފަހު އެ މިސްކިތް ބަހައްޓާފައި ހުރީ ސަލްޓަން ޕާރކް އިރު ދެކުނު ކަނުގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެއް ކަޅުވަކަރު މިސްކިތް އެތަނުގައި ހުއްޓެވެ. އަދި ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހިމާޔަތްކުރުމުގެ މަސައްކަތަށް އެތަން ބަންދުކުރި އެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު ކަޅުވަކަރު މިސްކިތް ހުޅުވާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 19 އޭޕްރިލް 2009 ގަ އެވެ.

ދެން އެއަށް ފަހު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައި އެ މިސްކިތް ރޫޅާލުމަށް ފަހު ސަލްޓަން ޕާކުން ނެނގި އެވެ. އެއަށް ފަހު އެ މިސްކިތަށް ހަދާނެ ގޮތެއް ނޭނގިގެން އުޅޭ ކަމަށް އެތައް ވާހަކަތައް ދެކެވުނެވެ. ބައެއް ވާހަކަތަކުގައި އެ މިސްކިތް ގދ. ތިނަދޫގައި އެ މިސްކިތް ބެހެއްޓުމުގެ ވާހަކަ ދެކެވުނު އިރު އަނެއްކޮޅުން ހުޅުމާލޭގައި މިސްކިތް ބަހައްޓާ ވާހަކަތައް ދެކެވުނެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެ މިސްކިތްް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް އަލުން ފެށިގެން ދިޔަ އެވެ. ހެރިޓޭޖު މިނިސްޓްރީއާ ހަވާލުކޮށްގެން މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ކުރަންފެށީ މިސްކިތުގެ ބައިތައް ހޯދައި ރައްކާތެރިކޮށް އެ ބައިތައް ދެމިހުންނާނެ ގޮތްތައް ހޯދައި އެ މަސައްކަތްތަކާއެކުގަ އެވެ.

comment ކޮމެންޓް