ލީމާ (ނޮވެމްބަރު 16): ޕެރޫގެ ވަގުތީ ރައީސް މެނުއެލް މެރީނޯގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕެރޫގެ ގާނޫނު ހަދާ ކޮންގްރެސްގެ ރައީސްގެ ގޮތުގައި ހުންނެވި މެރީނޯ އެގައުމުގެ ރައީސްކަމަށް އިސްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ އެ މަގާމުގައި މީގެ ކުރިން ހުންނެވި މާޓިން ވިޒްކާރާގެ މައްޗަށް ރިޝްވަތު ނެންގެވުމުގެ ތުހުމަތުކޮށް، ކޮންގްރެސްއިން އޭނާ އަޒުލު ކުރުމުންނެވެ.
ޕެރޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއީ ބަޣާވާތެއްގެ ގޮތުގައި ސިފަކޮށް، މެރީނޯގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތައް ފުރަތަމަ ކުރިއަށް ދިޔައީ ސުލްހަވެރިކޮށް ކަމަށްވީ ނަމަވެސް މުޒާހަރާތައް ރޫޅާލަން ސަލާމަތީ ފައުޖުތަކުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަން ފެށި ކަމަށް މުޒާހަރާތައް މޮނިޓާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެ މުޒާހަރާތަކުގައި 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު މަރުވުމުން، ރައްޔިތުންނާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ފާޑު ކިޔުން ވެސް ސަރުކާރަށް އަމާޒުވި އެވެ.
އޭގެ ސަބަބުން އިއްޔެ މެރީނޯ ވަނީ އޭނާ ރައީސްކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށާއި އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އިސްތިއުފާ ދެނީކަން މުޅި ގައުމަށް އަންގަން،" މެރީނޯ ވިދާޅުވި އެވެ.
މެރީނޯ އިސްތިއުފާ ދެއްވުމުން ޕެރޫގެ ވެރިރަށް ލީމާގައި ގިނަ އަދަދެއްގެ މީހުން އެއްވެ، އުފާ ފާޅު ކުރި އެވެ.
ޕެރޫގެ ކޮންގްރެސްއިން ދަނީ ދެން ރައީސް ކަމަށް އައްޔަން ކުރާނެ ބޭފުޅަކާ ބެހޭ ގޮތުން މިއަދު ހަވީރު ވޯޓެއް ނަގަން ތައްޔާރު ވަމުންނެވެ.
ޕެރޫގެ ކުރީގެ ރައީސް ވިޒްކާރާ ވަނީ މުޒާހަރާތަކުގައި މަރުވި މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުގެ ރައީސް ހޮވަން އަނެއްކާވެސް ކޮންގްރެސްއަށް ފުރުސަތު ނުދިނުމަށާއި އޭނާ އަޒުލު ކުރުމުގެ ސައްހަ ކަމާ ބެހޭ ގޮތުން އެގައުމުގެ ދުސްތޫރީ ކޯޓުން ގޮތެއް ނިންމުމަށް ގޮވާލައްވާފަ އެވެ.
ވިޒްކާރާއާ ދެކޮޅަށް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތު ކޮށްފައި ވަނީ އޭނާ ގަވާއިދާ ހިލާފަށް ސަރުކާރުގެ ދެ ކޮންޓުރެކްޓެއް އެގައުމުގެ ލަވަކިޔުންތެރިއެއް ކަމަށްވާ ރިޗަޑް ސިސްނެރޮސްއަށް ދެއްވި ކަމަށް ބުނެ އެވެ. އަދި އޭނާ ރިޝްވަތުގެ ގޮތުގައި 630،000 ޑޮލަރު ގަބޫލު ކުރެއްވި ކަމަށް ކޮންގްރެސްއިން ބުންޏެވެ.
ޕެރޫގެ ޕްރޮސެކިއުޓަރުން އެ މައްސަލަ ބަލަމުން ދިޔަ ނަމަވެސް ވިޒްކާރާއާ ދެކޮޅަށް އަދި ދައުވާކޮށްފައި ނުވެ އެވެ.