އަމާޒަކީ ދިވެހި މަހުގެ ހަގީގީ ފައިދާ ރާއްޖެއިން ނެގުން: މިނިސްޓަރު

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ކަނޑުތަކުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ރާއްޖޭގެ މަހުގެ ގޮތުގައި ޕްރޮމޯޓު ނުކުރެވޭ ކަމަށާއި އެކަން ބަދަލު ކުރުމަށް ރޭވުންތައް ރާވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ފާއިތުވެ ދިޔަ އަހަރުތަކުގައި ތަރައްގީ ކޮށްފައި ނުވާ ކަމަށާއި، މި ސަރުކާރު އައިސް، މަސްވެރިކަން ތަރައްގީ ކުރުމަށް ޕްލޭންތައް ހަދައި އެ ޕްލޭންތައް ތަންފީޒު ކުރުމަށް ފައިނޭންސް ހޯދާފައިވާ ކަމަށެވެ.

"މުޅި ސިނާއަތުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން ޕްލޭންކޮށް ފައިސާ ހޯދައިފި. ހުރި ގިނަ ކަންތަކަށް ހައްލު ހޯދަން މަސައްކަތް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދާއިރާގައި ހުރި މައްސަލަތައް އެއްދުވަހުން ހައްލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މުޅި މަސްވެރި މުޖުތަމައަށް ފައިދާވާނެ ކަންތައްތައް ކުރުމަށް ރާވާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބާނާ މަސް ރައްކާކުރާނެ ކެޕޭސިޓީ ނެތުމުން ކުރަންޖެހިފައިވާ ކަމަކީ އެ މަސް ތައިލެންޑަށް އެކްސްޕޯޓު ކުރުން ކަމަށެވެ. ނަމަވެސް ތައިލެންޑަށް ގަނޑުކުރި މަސް އެކްސްޕޯޓުކުރުން ހުއްޓަލާ، ރާއްޖޭގައި ބާނާ މަހަށް ވެލިއު އެޑްކޮށްގެން ރާއްޖެއިން ބޭރަށް އެކަސްޕޯޓު ކުރަން ފެށުމަކީ އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެލިވަރާއި ކޫއްޑޫ ގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރު ކުރުމަށް އަންނަ އަހަރު މަސައްކަތް ފަށާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މ. މުލަކާއި ގދ ތިނަދޫގައިވެސް މަސް ސްޓޯ ކުރާނެ ކެޕޭސިޓީ ގާއިމް ކުރެވޭނެ ކަމަށެވެ. މިއާއެކު 10،000 ޓަނުގެ މަސް ރައްކާކުރެވޭނެ ސްޓޯރޭޖު ގާއިމް ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ކަނޑުއޮތްގިރީގަައި މަސް ޕެކް ކުރުމުގެ ހިދުމަތް ދޭން ފަށާފައިވާކަން ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް