ލޯނު ދެއްކުމަށް 829 މިލިއަން ރުފިޔާ ހޭދަކޮށްފި

ސިނަމާލެ ބްރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ދަރަނި އަދާކުރުމަށް މިއަހަރުގެ މިހާތަނަށް 829.7 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ 44 ވަނަ ހަފްތާގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 11.8 ބިލިއަން ރުފިޔާ އެވެ. އެ މުއްދަތުގައި 21.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްކުމަށް ދައުލަތުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުލަތުގެ އާމްދަނީގެ 77 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. ތޭވީސް ޕަސެންޓަކީ ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރުގެ 44 ވަނަ ހަފްތާގެ ނިޔަލަށް 9.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޓެކްސް އާމްދަނީ އަށް 14.1 ބިލިއަން ރުފިޔާ ވަނީ ލިބިފައިވެ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މުސާރަ އާއި އިނާޔަތްތައް ދިނުމަށް މިހާތަނަށް 8.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އާސަންދަ އަށް 906 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ސަބްސިޑީގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި ހިނގާ 2020 ވަނަ އަހަރަށް ލަފާކޮށްފައި ވަނީ 37 ބިލިއަން ރުފިޔާގެ ބެޖެޓެއް ނަމަވެސް ކޮވިޑް19 އާއި ގުޅުގެން އައި އިގްތިސޯދީ ހީނަރުކަމާއެކު ބަޖެޓް ބަނީ 31 ބިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި މި އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ވެސް ވަނީ 29 ބިލިއަން ރުފިޔާ އިން 15 ބިލިއަނަށް ދަށްކޮށްފަ އެވެ.

comment ކޮމެންޓް