ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލައެއްގައި ދައުވާ ކުރަން ތިންވަނަ ފަހަރަށް ފޮނުވައިފި

އެމްއެމްއައި ޕާކު --

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ހިންގަން ކުއްޔަށް ހިފާފައި ހުރި އިމާރާތެއްގެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީ އިން ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ މައްސަލައަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެމްއެމްއައި ހިންގުމަށް، ހަދާ އނުނިމޭ އިމާރާތެއްގެ ދެ ފްލޯއެއް ކުއްޔަށް ނަގައިގެން ކުލި ދައްކަމުން ދަނީ ގަވައިދާ ހިލާފަށް ކަމަށް ބުނާ މައްސަލައެކެވެ.

އޭސީސީ އިން ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ޕީއެސްއެމްގެ ޕްރޮކިޔުމެންޓް ޑިޕާޓްމެންޓުގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ހާޝިމް ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ (1) ގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާ އަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އާއި އެ ގާނޫނުގެ 513 ވަނަ މާއްދާގެެ (ށ) ގެ (2) ގެ ދަށުން ތިމާއަށް ނުވަތަ އެގެ ފައިދާ ލިބެންނުޖެހޭ ފަރާތަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި އެކަން ކުރި ކަމުގެ ދައުވާއެވެ.

އޭސީސީ އިން ބުނީ އެ މައްސަލަ 2016 ވަނަ އަހަރުގެ ނޮވެމްބަރު 22 ގައި އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ ކަމަށާއި ދެ ފަހަރެއްގެ މަތިން އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި މީގެ ކުރިން ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ކަންތަކުގެ ތެރޭގައި ޕީއެސްއެމްގެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ޕީއެސްއެމްގެ މައްޗަށް ލާޒިމްކޮށްފައިވާ މީޑިއާ އިންސްތިޓިއުޓް ގާއިމް ކުރުމަށް އިމާރާތެއް ހޯދުމަށް އެ ކުންފުނިން ކުރި އިއުލާނާއި ގުޅިގެން ހުށަހެޅުނު ތިން ބިޑް އިވެލުއޭޓު ކުރުުމަށްފަހު، އަންދާސީހިސާބު ބަލާ ކޮމެޓީ އިން ނިންމީ ހ ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ކުއްޔަށް ހިފުމަށް ކަމަށާއި ނަމަވެސް އެ ބިޑާއެކު ހުށަހަޅާފައިވާ އާކިޓެކްޗަރަލް ކުރެހުންތަކުން ފްލޯ ޕްލޭން ރާވާނެގޮތެއް ނޭނގޭތީ އެ އިމާރަތް ކުއްޔަށް ހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އިމާރަތް ބަލަން ޕީއެސްއެމްގެ ދެ ފަރާތަކުން ދިޔަކަމަށް އެނގެން އެބައޮތް ކަމަށް އޭސީސީ އިން ބުންޏެވެ.

އަދި އެ އިމާރާތުގެ ދެ ފަންގިފިލާ ކޮންމެ ފަންގިފިލާ އަކަށް 37،000 ރުފިޔާގެ މަގުން ކުއްޔަށް ހިފުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން މިނިސްޓްރީ އިން އެ އިމާރަތް ބޭނުންކުރުމަށް ހުއްދަ ދިނުމުގެ ކުރިންކަން ފާހަގަވާ ކަމަށާއި، އެއްބަސްވުމުގެ 10 ވަނަ މާއްދާގައި، ޑިސެމްބަރު އެކެއް، 2015 އިން ފެށިގެން ކުއްޔަށް ހިފާ މުއްދަތު ގުނަން ފަށާނެ ކަމަށް ބުނެފައި އޮތްަމަވެސް، އެ ތާރީހަށް އެ އިމާރާތް ޕީއެސްއެމްގެ ބޭނުމަށް ފުރިހަމަކޮށް ހަވާލުކޮށްފައި ނުވާއިރު، އެކަމާ ގުޅިގެން ޕީއެސްއެމްއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އިމާރަތް ކުއްޔަށް ދޭ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަކޮށްފައި ހުރިކަމަށް ބުނެ ޕީއެސްއެމްގެ ޕްރޮކިޔުމަންޓު ޑިޕާޓްމެންޓުގެ ކުރީގެ ވެރިޔާ ސޮއިކޮށް އެ ކުންފުނީގެ އެޑްމިން ޑިޕާޓްމެންޓަށް މެމޯ އެއް ފޮނުވާފައިވާ ކަމަށާއި އެ އިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރު އަދި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މަހު ކުލީގެ ގޮތުގައި 111،000 ރުފިޔާ އިމާރަތް ކުއްޔަށް ދޫކުރި ފަރާތަށް ޕީއެސްއެމް އިން ދީފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ. އޭގެ ފަހުން 2016 ވަނ އަހަރުގެ ފެބްރުއަރީ މަހުން ޖޫނ މަހުގެ ނިޔަލަށް އެ އިމާރާތުގެ ކުލި ކަމަށް 74،000 ރުފިޔާ ޕީއެސްއެމް އިން ދައްކާފައިވާ ކަމަށް ތަހުގީގަށް ފާހަގަވިކަމަށް އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން ބުނީ ޕީއެސްއެމް އާ އިމާރަތް ހަވާލުކުރުމުގެ ކުރިން އިމާރަތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމަން ޖެހޭނެކަމަށް އެއްބަސްވުމުގައި ބުނާ ކަންތައް ފުރިހަމަ ނުކުރަނީސް،އެ މަސައްކަތްތައް ހުރީ އެއްބަސްވުމުގައި ބުނެފައިވާ ގޮތަށްކަމަށް ބަޔާންކޮށް ޕީއެސްއެމްގެ ޕްރޮކިޔުމަންޓް ޑިޕާޓްމެންޓުގެ ކުރީގެ ވެރިޔާ މުހައްމަދު ހާޝިމް، އެކަމާ ބެހޭ އިދާރީ މެމޯ ގައި ސޮއިކޮށްފައިވާތީ އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާތަކެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

comment ކޮމެންޓް