ފަންނާނުންގެ މިއުޒިކީ އީދު ޝޯ މިއަހަރު އޮންލައިންކޮށް

މީގެކުރީން ބޭއްވި ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނޭޝަނަލް ސެންޓާ ފޮ އާޓްސް (އެންސީއޭ) އިން ކުރިއަށް ގެންދާ ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯ މިއަހަރު އޮންލައިކޮށް ބޭއްވުމަށް ނިންމައިފި އެވެ.

އެންސީއޭ އިން ކުރިއަށް ގެންދާ ފަންނާނުންގެ މިއުޒިކީ އީދު ޝޯ އަކީ އެތައް ބައެއް ބައިވެރިވެ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ ކުރިއަށް ގެންދާ ޝޯއެކެވެ.

އެ ސެންޓަރުން މިއަދު ބުނެފައިވަނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ފަންނާނުންގެ މިއުޒިކީ އީދު ޝޯ ކުރިއަށް ގެންދަން ޖެހޭނީ ތަަފާތުކޮށް ކަމަށެވެ. އެގޮތުން މުޖުތަމައުގެ ރައްކާތެރިކަމާއި ސަލަމާތަށްޓަކައި، ގައިދުރުކުރުން މުހިންމުވެފައިވާތީ މިއަހަރު އެ ޝޯ ގެންދިޔުމަށް ރާވާފައިވަނީ މިއުޒިޝަނުންގެ ހުށަހެޅުންތަށް ލައިވްކޮށް، ވީޑިއޯ އަދި އޯޑިއޯ ރެކޯޑުކުރުމަށްފަހު ބްރޯޑުކާސްޓު އަދި އޮންލައިން ސްޓްރީމިން މެދުވެރިކޮށް ކަމަށް އެންސީއޭއިން ބުނެއެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުންގެ ޕްރޮޕޯސަލްތައް ހުށަހެޅުމަށް އެންސީއޭއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެ ސެންޓަރުން ބުނެފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ 10:00 އާ ހަމައަށް ޕްރޮޕޯސަލްއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 26 އެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި މައުލޫމާތު ސާފުކުރާ ފަރާތްތަކަށް ކަމަށް އެންސީއޭއިން ބުނެއެވެ.

comment ކޮމެންޓް