ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު 43.8 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފި

މާލޭގެ މަގުމަތި --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 43.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓުގައިވާގޮތުން ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި 14 މިލިއަން ރުފިޔާ، ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ރުފިޔާ އަދި އެގްރިމެންޓާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުުރުން މުވައްޒަފުންގެ ގަޑީ ލާރި އާއި ޖޫރިމަނާގެ ގޮތުގައި 8.7 މިލިއަން ރުފިޔާ، ދަރަންޏާއި ގަޒިއްޔާ ޖޫރިމަނާގެ ގޮތުގައި 138،470 ރުފިޔާ އަދި ޓްރެފިކް ވަޔޮލޭޝަނުގެ ގޮތުގައި 5.1 މިލިއަން ރުފިޔާ އަދި އެހެނިގެން ޖޫރިމަނާގެ ގޮތުގައި ތިން މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ހިނގާ 2020 ވަނަ އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް މިހާރު އަންދާޒާ ކޮށްފައިވަނީ 102.5 މިލިއަން ރުފިޔާ އެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 17.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ދައުލަތުގެ އަހަރު ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 33.2 ބިލިއަން ރުފިޔާގަ އެވެ.

comment ކޮމެންޓް