ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އުންމީދުކުރެއްވި ސްޕީޑުގައި ކުރިއަށް ނުދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާ ގުޅުވައި، ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް އުންމީދުކުރި ގޮތަށް ކުރިއަށް ނުދާ ކަމަށެވެ.
"އެ މަސައްކަތް އަޅުގަނޑުވެސް ހީކުރި ސްޕީޑަކު ނުގެންދެވެ. އެބަހުރި ދަތި ތަކެއް. އެ މަސައްކަތް ފަށައިގަތީމަ އަޅުގަނޑަށް ފެނުނީ އޭގަ ހުރި ދަތިތައް. އޭގެން ކޮންމެ ކަމެއްގެ އެންމެ އަޑިއަށް ވާސިލްވުމަށް ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރިކަން ފާހަގަކޮށްލަން.،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ކޮމިޝަންތަކުން ލިބޭ އަޕްޑޭޓުތަކަށް ބަލާއިރު، ދަތިތަކާ އެކުވެސް ރަނގަޅު މަސައްކަތްތަކެއް ވެސް ކުރެވިފައި ހުރި ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް ރައްޔިތުންނާއި، ހާއްސަކޮށް މަރު ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިފައިވާ އާއިލާތަކުގެ ކަންބޮޑުވުންތަކުގެ ސަބަބުން އެމަނިކުފާނަށް ވެސް އުނދަގޫވާ ކަމަށެވެ.
"އެހެން ނަމަވެސް ވަރަށް ގާތުން ބަލަމުން އެ މަސައްކަތް ވެސް ހަލުވި ކުރެވެން ހުރި މަސައްކަތްތައް ބަލަމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮމިޝަންތައް ބަދަލުކޮށްގެން މަސައްކަތަށް މާބޮޑު ތަފާތެއް އަންނާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
"އޭރުން ވާނެ ގޮތަކީ އަލުން ފަށައިގަންނަން ޖެހޭނީ. އެ ކޮމިޝަންތަކަށް ވެސް ކޮވިޑް އާ ހެދި ހުރަސްތަކެއް އެޅިގެން ދިޔަ މަސައްކަތް ކުުރުމަށް. ގާތްގަނޑަކަށް ހަތް މަސް މި ދިޔައީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަރު ކޮމިޝަނުން 28 މައްސަލައެއް ބަލަމުން އަންނައިރު، ނުވަ މައްސަލައެއް މުޅިން ނިންމާ ފައިނަލް ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި އެ ރިޕޯޓުތަކަކީ ރައްޔިތުން އިތުބާރުކުރާ އަދި އާއިލާތަކުން ގަބޫލުކުރާ ރިޕޯޓުތަކަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް އިތުބާރު ކުރައްވާ ކަމަށާއި އިތުބާރު ނުކުރެވޭ ނަމަ ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.
އެ ކޮމިޝަންތަކަށް ބާރުދޭ ގާނޫނުތައް މަޖިލީހުން ފާސްކޮށް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. އެއާއެކު އެ ކޮމިޝަން ތަކުން ކުރާ ތަހުގީގުތަކަށް ދައުލަތުގެ އެހެން މުވައްސަސާތަކުގެ އެހީ ހޯދައި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ކޮމިޝަންތަކަށް ވަނީ ލިބިދީފަ އެވެ. މީގެ އިތުރުން ޖިނާއީ ތަހުގީގުތަކާގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް އެދުމުގެ ބާރުވެސް ކޮމިޝަންތަކަށް ލިބިދީފައިވެ އެވެ.
މީގެ އިތުރުން ޖިނާއީ މައްސަލަތައް ބަލައިދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވުމުގައ ބާރާއި މަދަނީ މައްސަލަތައް ބަލައި ދައުވާކޮށް ފިޔަވަޅު އެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ފުރުސަތުވެސް ކޮމިޝަންތަކަށް ލިބެ އެވެ.
ހަމައެއާއެކު ކޮމިޝަނަށް ވަނީ ހާއްސަ އިމްތިޔާޒުތަކެއް ވެސް ދީފަ އެވެ. އެގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާ މައްސަލަތައް ބަލަން ވާނީ ހަމައެކަނި އެކޮމިޝަނުން ކަމަށް ގާނޫނުގައިވެ އެވެ. އެހެން އޮތުމުން ފުލުހުންނަށް ކޮމިޝަނުން ބަލާ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ އެވެ.
މި ހުރިހާ ބާރުތަކާއި އިމްތިޔާޒްތަކާ އެކުވެސް ކޮމިޝަންތަކުން ބަލާ މައްސަލަތަކުން އެއްވެސް ނަތީޖާއެއް ނުނުކުންނަ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާ އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެވެ.
ރިޔާސީ ދެ ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ ވާޖިބު އަދާނުކުރެވޭ ކަމަށާއި އެހެންކަމުން މިހާރު އެ ދެ ކޮމިޝަން އޮތުމުގެ ބޭނުން ވިސްނިވަޑައިނުގަންނަވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.