ނަސީމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ނަސީމް: އޭނާއަށް ރުހުން ދޭން ކޮމިޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރި އަހްމަދު ނަސީމް (ކެރަފާ ނަސީމް)އަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނަސީމް އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހު 22 ވަނަ ދުވަހު އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ފާސްވީ ނަސީމަށް ރުހުން ދިނުމަށް މަޖިލިސް ތަޅުމަށް ފޮނުވަމަށެވެ.

އެގޮތަށް ފާސްވީ ކޮމިޓީގައި އޭރު ތިއްބެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

ނަސީމަށް ހެލްތް މިނިސްޓަރުކަން ރައީސް ދެއްވިއިރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ. ނަސީމަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅެކެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭނާ އަކީ ހާރިޖީ ދާއިރާގައި ވަރަށް ތަޖުރިބާކާރު އަދި ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވުމުގައި ވެސް މިނިސްޓަރު ނަސީމް ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ހެލްތް މިނިސްޓަރުގެ މަގާމު ހުސްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުފާ ދެއްވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމުގައި މަކަރާއި ހީލަތް ހަދައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތަހުމަތުވާ މައްސަލައިގަ އެވެ.

comment ކޮމެންޓް