އެމްޑަބްލިއުއެސްސީއިން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ލޭ ހަދިޔާކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ : އެމްޑަބްލިއުއެސްސީ

މޯލްޑިވްސް ބްލަޑް ސާވިސް އާއި މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ގުޅިގެން އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްޑަބްލިއުއެސްސީ އިން މިއަދު ބުނެފައިވަނީ އެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް އަކީ ތެލެސީމިއާ ޕޭޝަންޓުންނަށް އިހުލާސްތެރި ހިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތުގައި މޯލްޑިވްސް ބްލަޑް ސާވިސްއަށް ދިމާވެފައިވާ ލޭގެ ދަތިކަމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީވެސް އެ ޕްރޮގްރާމުގެ މަގުސަދެއް ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމު އޮތީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގަ އެވެ. އެ ޕްރޮގްރާމުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލޭ ހަދިޔާކުރުމުގެ މުހިއްމުކަން އަންގައިދިނުމާއި އެކަމަށް މުވައްޒަފުން ހޭލުންތެރިކުރުވުމަކީ ބޭނުންވާ ކަމެއް ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފަ އެވެ.

ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅެމުންވެސް، ފަސޭހަ މާހައުލެއްގައި އިޖުތިމާއީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެ ޕްެރޮގްރާމް ކުރިއަސް ގެންދިޔަ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެ އެވެ.

comment ކޮމެންޓް