މައްސަލަތައް ބެއްލެވި ގާޒީ ތަނާޒުލުވެވަޑައިގަތުމުން އާޒިމާ ހައިކޯޓަށް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެޔާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަނީ -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ބައްލަވަމުން ދިޔަ ގާޒީ ހަސަން ސައީދު މައްސަލަތަކުން ތަނާޒުލުވެވަޑައިގަތުމުން، އެއީ ގާނޫނާ ހިލާފަށް ކުރެއްވި ކަމެއް ކަމަށް ބުނެ އެ މައްސަލަ އާޒިމާގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވައިފި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ. އެ މައްސަލަތައް އެންމެ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމެވެ. އޭނާ ގާޒީ ކަމުން އިސްތިއުފާ ދެއްވުމުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ސައީދެވެ. އޭނާ މިހާރު ވަނީ އެ މައްސަލަ ބެލުމުން ތަނާޒުލުވެވަޑައިގެންފަ އެވެ.

އާޒިމާގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަނޑިޔާރު ހަސަން ސައީދު ތަނާޒުލުވެވަޑައިގަތީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށެވެ. އަދި ފަނޑިޔާރު ތަނާޒުލްވިކަން ކްރިމިނަލް ކޯޓުން ގަބޫލުކުރުމަކީވެސް ގާނޫނީ އުސޫލުން ބޭރުން ކުރި ކަމެއް ކަމަށް ބުނެފައިވެ އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި ދެ މައްސަލައިން ފަނޑިޔާރު ތަނާޒުލުވެވަޑައިގެންފައިވަނީ، މައްސަލަތަކުން ފަނޑިޔާރުން ތަނާޒުލުވުމަށް އޮންނަ ގާނޫނީ ޖާގައިން ބޭރުންނެވެ. އަދި އެ ތަނާޒުލްވެވަޑައިގަތުން ކްރިމިނަލް ކޯޓުން ބަަލައިގެންފައިވަނީވެސް ގާނޫނީ އުސޫލުން ބޭރުންނެވެ،" އާޒިމާގެ ވަކީލުންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނީ އޮނިގަނޑު ބައްޓަން ކުރެވިފައިވާ ގޮތުން ފަނޑިޔާރަކަށް އެ ފަނޑިޔާރަކު ބަލާނެ މައްސަލައެއް އަދި ނުބަލާނެ މައްސަލައެއް ކަނޑައެޅުމުގެ އިހްތިޔާރެއް ނޯވެ އެވެ. އަދި އެ ބޭފުޅުން ބައްލަވާ މައްސަލަތަކުން ތަނާޒުލުވެވޭނީވެސް ވަކި ހަމަތަކެއްގެ ތެރެއިންކަން ވަކީލުން ފާހަގަކުރެއްވި އެވެ. އެއީ ހަސްމުންގެ ހައްގުތައް ހިމާޔަތްކޮށް ވަކި ފަރާތަކަށް ބުރަ ނުވެ މައްސަލަތައް ކުރިއަށް ގެންދިޔުން ޔަގީންކުރުމާއި، ފަނޑިޔާރުން މަސައްކަތް ކުރަންވާނީ އެއްވެސް އެހެން ފަރާތެއްގެ ނުފޫޒެއް ނެތިކަން ޔަގީންކުރުން ކަމަށް ބަޔާނުގައި ބުންޏެވެ.

އެހެންކަމުން، ފަނޑިޔާރު ހަސަން ސައީދު ތަނާޒުލުވެވަޑައިގެންނެވި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެއީ އާޒިމާގެ މައްސަލައިގައި ފަނޑިޔާރު ބަދަލުކޮށްފައިވުމުން، އެ މައްސަލައިގައި އެހެން ފަރާތެއްގެ ނުފޫޒެއް ފޯރާފައިވާ ކަމާއި މިނިވަންކަން ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވަކީލުން ބުނެފައިވެ އެވެ. އަދި ގާނޫނުއަސާސީއިން ޔަގީންކޮށްދީފައިވާ ވަކި ފަރާތަކަށް ނުޖެހި ޝަރީއަތް ކުރުމުގެ ހައްގު ގެއްލިފައިވާތީ ކަމަށް ބުނެފައިވެ އެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެމަނިކުފާނާ އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. ރައީސް ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާ ކުރެއްވީ އެމަނިކުފާނުގެ ބީއެމްއެލް އެކައުންޓެއްގައި ހުރި އެއް މިލިއަން ޑޮލަރެވެ.

އާޒިމާއަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯއްދަވައި، އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގަ އެވެ.

comment ކޮމެންޓް