ރާއްޖޭގައި އައިއޯއައިޖީ ނުބޭއްވިއްޖެނަމަ އެ ފުރުސަތު މަޑަގަސްކަރަށް ލިބުމުގެ ބިރު

އައިއޯއައިޖީގެ ބިޑް ކާމިޔާބު ކުރުމަށް މޮރިޝަސްގައި ބޭއްވި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްއާއި އޮލިމްޕިކް ކޮމިޓީގެ ޖެނެރަސް ސެކެއްޓަރީ އަހުމަދު މަރްޒޫގް --- ފޮޓޯ//އެމްއޯސީ

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވަން ބިޑް ކާމިޔާބު ކޮށްފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ނުބޭއްވިއްޖެ ހާލަތުގައި ވަށްޓެރި މަޑަގަސްކަރުން އެ ގޭމްސް ބާއްވަން ބޭނުންވާކަމުގެ އިޝަރާތެއް ކޮށްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ ތެެރެއިން 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެ އަހަރުގައި އެ ގޭމްސް ރާއްޖޭގައި ބޭއްވޭނެ ގޮތެއް ނެތް ކަމަށް މިނިސްޓަރު މަހްލޫފް ވަނީ މިފަހުން ވިދާޅުވެފަ އެވެ. އަދި އެ އަހަރުގެ ގޭމްސް 2025 އަށް ލަސްކޮށްދިނުމަށް އެދި އައިއޯއައިޖީގެ ކަމާބެހޭ ކޮމިޓީއަށް ހުށައަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އެދެނީ 2025 އަށް އައިއޯއައިޖީ ފަސްކޮށްދެން. އެއީ އަޅުގަނޑުމެންގެ ހުށައެޅުމަކަށް ވާނީ. އެ މަޝްވަރާ ކީޗް [އައިއޯއައިޖީ ކޮމިޓީ] ގައި ވެސް މިހާރު ކޮށްފިން މީގެ މަހެއް ފަހުން އަނެއްކާ އެބޭފުޅުން އެކަމާ މަޝްވަރާ ކުރާނެ. ކޮންމެސް ވަރަކަށް މަޑަގަސްކަރުން އެބައުޅޭ އެމީހުނަށް ވާނެއޭ، އެކަހަލަ ވާހަކަތަކެއް އެބަދައްކާ،" ރާއްޖެޓީވިން ގެނެސްދިން "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި މަހްލޫފް ވިދާޅުވި އެވެ.

ވޭތުވެ ދިޔަ އަހަރު މޮރިޝަސްގައި އޮތް ބިޑް ރަސްމިއްޔާތުގައި ރާއްޖެއިން ބިޑް ކާމިޔާބު ކުރީ މަޑަގަސްކަރާއި ވާދަކޮށް، ބޮޑު އަގުލަބިއްޔަތަކުންނެވެ. ރާއްޖެއިން ބިޑް ކާމިޔާބު ކުރުމަށް މިނިސްޓަރު މަހްލޫފާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަވަށްޓެރި ޖަޒީރާ ގިނަ ގައުމުތަކަށް ވަޑައިގެން ގިނަ މަސައްކަތްތަކެއް އޭރު ކުރެެއްވި އެވެ.

މަހްލޫފް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ގައުމަށް ދިމާވެފައި އޮތް ހާލަތާ ގުޅިގެން 2023 ވަނަ އަހަރު ނުބޭއްވޭނެ ކަން އެހެން ގައުމުތަކާ ހިއްސާ ކުރުމުން ޕޮޒިޓިވް ވާހަކަތަކެއް އެގައުމުތަކުން ވެސް ހިއްސާކުރި ކަމަށެވެ. އަދި އެގައުމުތަކުގެ ތައީދު 2025 އަށް ބަދަލު ކުރަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް މަޑަގަސްކަރައިން އެކަން ކުރަން ބޭނުންވަނީ އެގައުމުގައި ބާއްވައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަޑަގަސްކަރައިން މި ބިޑް ކާމިޔާބު ކުރަން އޭރުވެސް ވަރަށް މަސައްކަތް ކުރި. އަޅުގަނޑު ބިޑް ހުށައެޅި އިރު، އެކޮޅުން ބިޑް ހުށައެޅުއްވަން ވަޑައިގަތީ އެގައުމުގެ ރައީސް. އެހާ ވެސް ބޮޑަށް އެމީހުން ހިފާފައި ތިބީ. އެކަމަކު ހޯސްޓް ކުރަން ކުރެއްވި މަސައްކަތުގައި ގައުމުތަކަށް ވަޑައިގެން އަޅުގަނޑަށް ލިބުނު ތަޖުރިބާއިން ހިއެއް ނުވޭ އެގައުމުގައި ބާއްވަން އެއްވެސް ގައުމަކުން ބޭނުންވާނެ ހެނެއް."

އައިއޯއައިޖީއަށް ރާއްޖެއިން ބިޑުކުރިއިރު، ބިޑުކުރީ އެންމެ "ވޯސްޓް ސިޗުއޭޝަން" ގައިވެސް ގޭމްސް ބޭއްވޭނެ ގޮތް ހޯދައިގެން ކަމަށާއި، އެހެންކަމަށް ވާނަމަ މިހާލަތުގައިވެސް ގޭމްސް ބޭއްވޭނެ މަގެއް ހޯދޭން ޖެހޭ ކަމަށް ބުނެމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓްރީ އަޙްމަދު މަރުޒޫގް (މަރޭ) ވަނީ މިފަހުން ވާހަކަ ދައްކާފަ އެވެ.

މަރުޒޫގް ވިދާޅުވީ ރާއްޖޭގައި ގޭމްސް ބާއްވަން އޮތް އެންމެ ބޮޑު ދައްޗަކީ ފައިސާގެ ދަތިކަން ކަމަށާއި، ދެން ސަރުކާރުން ދައްކަމުން އަންނަނީ ގޭމްސްތަކާއި ބޮޑެތި މުބާރާތްތައް ފަސްކުރާ ވާހަކަ ކަމަށެވެ. އެކަމަކު ހަގީގަތަކީ ފަސްކުރަމުން އަންނަނީ މިއަހަރާއި އަންނަ އަހަރު ބާއްވަން ނިންމާފައިވާ ގޭމްސްތައް އެކަނިކަން ކަމަށާއި، 2022 ވަނަ އަހަރުގެ ފަހުގައި ބާއްވަން ނިންމާފައިވާ އެއްވެސް މުބާރާތެއް އަދި ފަސްކޮށްފައި ނުވާ ކަމަށްވެސް މަރުޒޫގް ވިދާޅުވި އެވެ.

comment ކޮމެންޓް