ފާޑުކިޔަނީ ހައެއްކަ ބޭފުޅުން: މަހްލޫފް

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އިންޑިއާގެ ޙާރިޖީ އިސްވެރިންނާ އެކު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކުޅިވަރު މިނިސްޓަރަކަށް ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ މެދު ހިތްހަމަ ނުޖެހިގެން "ފާޑު ކިޔުއްވަން ތިއްބެވީ ހައެއްކަ ބޭފުޅުން" ކަމަށް ޔޫތު، އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވިން ރޭ ގެނެސްދިން "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ފާޑުކިޔުންތަކަކީ އާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރައްވަނީ މަދު ބޭފުޅުންތަކެއް ކަމަށާއި، އެއީ ވުޒާރާއިން މާ ގިނަ މަސައްކަތްތައް ކުރައްވާތީ ދައްކާ ވާހަކަތަކެއް ކަމަށެވެ.

"ފާޑު ކިޔުއްވަން ތިއްބެވީ ހައެއްކަ ބޭފުޅުން. އަޅުގަނޑަށް އިނގޭ ކީއްވެގެންކަން ވެސް. އަޅުގަނޑު ގޯސްވެގެން ކުޅިވަރު އެސޯސިއޭޝަނަކުން އައިސް އެވާހަކައެއް ނުދައްކާނެ. އެ ޖާގައެއް ނުދޭނަން،" މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްވެސް ފަރާތަކަށް ވަކި ކަމެއް ކުރާށޭ ކިޔައި، އެއްވެސް ކަމެއް އަންގާފައި ނުވާނެ ކަމަށެވެ. އަދި އެ އެސޯސިއޭޝަންތަކުގައި ތިއްބަވަނީ ކޮން ޕާޓީއެއްގެ ކާކުތޯ ނުބަލައްވާ ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ. އަދި ރައީސް ޕްރޮމޯޓް ކުރަން ނޫނީ، އެމްޑީޕީ ޖަލްްސާއަކަށް ދާށޭ ކިޔައި އެއްވެސް އެސޯސިއޭޝަނަކަށް އަންގާފައި ނުވާނެ ކަމަށާއި، އެސޯސިއޭޝަންތަކުން އަމަލު ކުރާނީ ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް ކައުންސިލްގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް ކުރައްވަމުންދާ މަސައްކަތްތަކަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ކިޔުއްވަމުން ގެންދަވަނީ އޭނާއާ އެއް ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އާއި އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް އެވެ.

މަޖިލީހަށް ވަޒީރުން ސުވާލު ކުރެއްވުމަށް ހާޒިރު ކުރާ އުސޫލުގެ ދަށުން ދެ ފަހަރެއްގެ މަތިން މިހާތަނަށް މަޖިލީހުގެ ތަޅުމަށް މަހްލޫފް ހާޒިރު ކޮށްފައިވާ އިރު، ބައެއް ކޮމިޓީތަކުގައި ސުވާލު ކުރެއްވުމަށް ވެސް މަހްލޫފް ވަނީ މީގެ ކުރިން މަޖިލީހަށް ހާޒިރު ކޮށްފަ އެވެ.

"މިތަނަށް އައި އިރު އަޅުގަނޑަށް އިނގޭ ކުއްލިއަކަށް އަލީ ޒާހިރު [ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް] ގުޅާލާފައި ގޭގައި މަޑުކޮށްލާށޭ ބުނާ އިރަށް ގެއަށް ދާން ޖެހޭނީ، ރައްޔިތުން މަޖިލީހުން އިތުބާރު ނެތްކަމަށް ބުނާ އިރަށް ގެއަށް ދާން ޖެހޭނީ. އެވަރު އިނގިގެން މިތަނަށް އައިސް މިހުރީ. އަޅުގަނޑު މިތާ ހުރެގެން މިކުރާ މަސައްކަތަކީ، ބާރެއް ހޯދައިގެން ބަގުޑި ބައްދައިގެން ކުރާ މަސައްކަތެއް ނޫން." މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ، އޭނާގެ މަސައްކަތަކީ ހަމައެކަނި މިނިސްޓްރީގެ ފިނި ގޮނޑީގައި ޓައި އަޅައިގެން ކުރާ މަސައްކަތްތައް ނޫން ކަމަށެވެ. އަދި ވުޒާރައިގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތާއި، އެކަންކަން ހިނގަމުންދާ ގޮތް ބައްލަވަން އެތަންތަނަށް ގަވާއިދުން ވަޑައިގެން މަސައްކަތް ބައްލަވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

comment ކޮމެންޓް