ފަޅާއި އެއްގަމުން ދިވެހިންނަށް ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދަނީ

ކ. މާފުށި: ދައުލަތުން ހިއްކާފައިވާ ބިންތައް ވިއްކަން ސަރުކާރުން ވަނީ ނިންމާފައި ---

ރާއްޖޭގެ އެކި ރަށްރަށުގެ ފަޅުންނާއި އެއްގަމުން ދިވެހިންނަށް ބިން ވިއްކުމަށް ސަރުކާރުން ނިންމައިފި އެވެ.

ފެށޭ އަހަރަށް ލަފާކޮށް ދައުލަތުން މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުނެފައިވަނީ ދިވެހިންނަށް ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބަޖެޓުގައި ބުނެފައިވަނީ ރާއްޖޭގެ އެކި ރަށްތަކާއި ސަރަހައްދު ތަކުގައި ހިއްކާފައިވާ ބިންތަކުން ރައްޔިތުންނަށް ލިބޭގޮތަށް އެ ބިންތަކުން ބައެއް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. ބިން ވިއްކަން ނިންމާފައިވަނީ އެ ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.

"ހަމަ މިގޮތުގެ މަތިން މޫދުގެ ވަކި ސަރަހައްދެއް ހިމެނޭގޮތަށްވެސް ބިންދޫކުރުމަށް ހުޅުވާލުމަށް ނިންމާފައިވެ އެވެ." ބަޖެޓުގައި ބުނެފައިވެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ދައުލަތުން ހަރަދުކޮށްގެން ހިއްކާފައިވާ ބިންތަކުގެ 30 ޕަސެންޓް ވިއްކުމަށެވެ. އަދި ލެގޫން ލޭންޑް ކޮންސެޕްޓެއް ތައާރަފުކުރުމަށްފަހު ވަކި ގަވައިދެއްގެ ދަށުން ފަޅުގެ ސަރަހައްދުން އެކި ކަންކަން ކުރުމަށް ހުޅުވާލެވޭނެ ކަމަށް ބަޖެޓުގައި ވަނީ ބުނެފަ އެވެ.

2021 ވަނަ އަހަރު އަލަށް ރިސޯޓު ހަދަން 10 ރަށެއް ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް ބަޖެޓުގައި ބުނެފައިވެ އެވެ. އެކަމުން ދައުލަތަށް 154.2 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް